ސިޔާސީ

އިންތިޚާބުން ބަލިވި ސަބަބު ނިހާނުގެ ދުލުން!


ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ޕީޕީއެމްއާ ޖުމްހޫރީ ޕާޓީ "ނުރަސްމީ" ކޯލިޝަނެއްގައި ނުކުތް ނަމަވެސް އިންތިޚާބު ބޮޑުތަނުން އެމްޑީޕީން ކާމިޔާބު ކުރީ ޕީޕީއެމް ނުވަތަ ޖޭޕީން ވާދަކުރެއްވި ދާއިރާތަކަށް ޕީޕީއެމްގެ ތެރެއިން ބައެއް ބޭފުޅުން ނުކުތުމުގެ ސަބަބުން ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ކުރީގެ ލީޑަރ އަދި ވިލިމާލެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރ އަޙްމަދު ނިހާން ޙުޞައިން މަނިކު ވިދާޅުވެއްއެވެ.

ޕީއެސްއެމް ނިއުސްގެ "އެކްސްކްލޫސިވް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ގޮނޑިތައް ގެއްލިގެން ދިޔައީ "ޕީޕީއެމްއާ ޖޭޕީވެގެން މާސިންގާ ސަކަރާތެއް ޖެހުމުން" ކަމަށެވެ. އޭނާ ވިދާޅުވީ ދުވަހަކު އަނގައިން ބަހެއް ބުނަން ނޭނގިފައި ތިބި އެމްޑީޕީގެ އެތައް މެންބަރުން އެކަމުގެ "ނާޖާއިޒު" ފައިދާ ނެގި ކަމަށެވެ. ނިހާން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއަށްފަހު މަޖިލިސް އިންތިޚާބަށް އަޅަންޖެހޭ ފިޔަވަޅުތަކެއް ނޭޅުމަކީވެސް މަޖިލިސް އިންތިޚާބުގައި ޕީޕީއެމްއަށް ގިނަ ގޮނޑިތަކެއް ގެއްލިގެންދިޔަ ކަމެއް ކަމަށެވެ.

"ރަނގަޅަށް ބައްލަވާ ލިބިފައިހުރި ނަތީޖާތަކުގެ އަލީގައި ގިނަ ގޮނޑިތައް އަޅުގަނޑުމެނަށް ގެއްލިފައިހުރީ ޕީޕީއެމްއާ ޖޭޕީއާ ކޯލިޝަން ވެސް ނުސީދާ ގޮތެއްގައި ހެދި. އަދި އެތަނަށް ލައިގެން ފަހުން ޕީޕީއެމް އެތެރެއިން އެހެން މީހަކަށް ވެސް ތާއިދު ކުރި. އަދި އެކޮޅުން ވެސް މިކޮޅަށް ތާއިދު ކުރަނީ. ދެކޮޅަށް ވެސް ތާއިދު ކުރަނީ. ބޮޑު މާސިންގާ ސަކަރާތް ގަނޑެއް އަޅުގަނޑުމެން ޖެހިއިރުގައި އެމްޑީޕީ މެންބަރަށް ފަސޭހަ ކަމާއެކު ގޮނޑި ލިބުނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އެކި ދާއިރާތަކަށް ވާދަކުރެއްވި ކެންޑިޑޭޓުންވެސް ޕީޕީއެމް ނުވަތަ ޖޭޕީ ނުވަތަ އެ ދެ ފިކުރުގެ ތެރެއިން ކޮންމެވެސް އެއް ފިކުރެއް ހުރި ކެންޑިޑޭޓެއްގެ ފަހަތަށް އެރިނަމަވެސް މަޖިލިސް އިންތިޚާބުގައި ޕީޕީއެމްއަށް ނުވަތަ ޕީޕީއެމް ޖޭޕީއަށް ލިބިގެންދިޔައީސް ކަމަށެވެ. ނިހާން ވިދާޅުވީ އެ ގޮނޑިތައް ގެއްލުމުން ސުވާލުތަކެއް އުފެދިގެން ކަމަށެވެ. އެއީ ދާއިރާތަކަށް ވާދަކުރި ކެންޑިޑޭޓުން ރައްޔިތުން ބަލައިނުގަތީތޯ ނުވަތަ ޕީޕީއެމް ބަލައިނުގަތީތޯ ކަމަށް ނިހާން ސުވާލު އުފެއްދެވިއެވެ.

"އެހެންވީމަ އެމްޑީޕީގެ ކެންޑިޑޭޓަކަށް އެ ފުރުޞަތެއް ނުލިބުނީސް. ސުވާލަކީ އަޅުގަނޑު ބަލައި ނުގަތީތޯއޭ އަޅުގަނޑުމެންގެ ޕާޓީ ބަލައިނުގަތީތޯއޭ އެ ހުރިހާ ޚިދުމަތެއް ކޯށްދިނީމަ، އަޅުގަނޑުކުރިން ފާހަގަކުރި ގޮތަށް މި އިންތިޚާބުގައި އަޅުގަނޑުމެންގެ ފަރާތުން ފުރަތަމަ ދިމާވި އެއް މައްސަލައަކީ އެއްވެސް ތަރުތީބަކުން ޕާޓީ ތެރޭގައި އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ލީޑަރޝިޕު ލެވެލްގައި ކުރެވިފައި ނުވުން،" ނިހާން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ނިހާން ވިދާޅުވީ ޕީޕީއެމްގެ މެންބަރުންނަށް ވޯޓު ނުލިބުނު އަނެއް ސަބަބަކީ ރައީސް ޔާމީންގެ ވެރިކަމުން ފެށިގެން މިއަދާއި ހަމައަށްވެސް ޕީޕީއެމްގެ މެންބަރުންގެ އިސްތަށި ފުޅުގައި އަޅުވަމުންދާ "ދޮގު އިލްޒާމުތައް" ކަމަށެވެ. އެގޮތުން ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް އެންމެ ބޮޑަށް އަޅުވަމުންދިޔައީ މިހާރު ތިއްބެވި 18ވަނަ މަޖިލީހުގެ މެންބަރުންގެ އިސްތަށިފުޅުގައި ކަމަށާއި އެހެންކަމުން ކެމްޕެއިންގައި އެކަން "ވަރަށްބޮޑު ދައްޗަކަށް ވެގެންދިޔަ" ކަމަށް ނިހާން ވިދާޅުވިއެވެ.