ސިޔާސީ

ދިބާޖާއަށް ފައިސާ ދައްކަން ކުރި ހުކުމް މުރާޖައާ ކުރަންޖެހޭ - ސުއޫދު


ދައުލަތުން ދީބާޖާ އިންވެސްޓްމަންޓަށް 348.10 މިލިއަން ރުފިޔާ ދެއްކުމަށްކުރި ހުކުމް މުރާޖާ ކުރަން ޖެހޭ ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މާރާލަފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވެފައިވަނީ ދިބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން 348.10 މިލިއަން ރުފިޔާ ދެއްކުމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ހުކުމް ކުރުމާއި ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކާއެކު ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިބާޖާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

އުތުރު ޕްރޮވިންސަށް ފެރީގެ ޚިދުމަތް ދިނުމަށް 2010ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީން ދިބާޖާ ކުންފުންޏާއެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ވަހީދުގެ ސަރުކާރުން ވަނީ ބާތިލްކޮށްފައެވެ. އަދި ދައުލަތުން ވަނީ އެ އެއްބަސްވުން ބާތިލް ކުރީ ދިބާޖާއިން އެއްބަސްވުމާއި ޚިލާފުވެފައިވާތީ ކަމަށް ބުނެފައެވެ.

ދައުލަތުން އެއްބަސްވުން އުވާލުމުގެ ބަދަލު ހޯދުމަށް ދީބާޖާ ކުންފުނިން ހުށަހެޅި މައްސަލައިގާ 2014 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ދިބާޖާއަށް 348.10 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ. އަދި އެ ހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅުމުން ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ.

މިމައްސަލައިގާ ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ލިބުނު މުއްދަތުގައި އިސްތިއުނާފަށް ހުށަހަޅާފައިނުވާ މައްސަލައެއްގެ ގޮތުގައި ނިންމާ ސިވިލް ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ނިންމާފައެވެ.