ސިޔާސީ

ދިއްގަރު ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު ޕީޕީއެމުން ހުޅުވާލުން


ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.ޕީޕީއެމުން ބުނީ އެޕާޓީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ކުރިމަތިލާނެ ފަރާތެއް ކަނޑައަޅާނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ދެމިހުރި މުއްދަތާއި، ޕާޓީގެ ފިކުރު ހިފެހެއްޓުމާއި، ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރި ކެނޑިޑޭޓަށް ކެމްޕެއިން ކޮށްދީފައިވާ މިންވަރާއި، އެޕާޓިއަށް ޚިދުމަތް ލިބިފައިވާ މިންވަރަށް ބެލުމަށްފަހު، ހަތްދިހަ އިންސައްތައަށް ވުރެ މަތިން މާކުސް ލިބޭ ފަރާތްތަކަށްކަމަށެވެ. އަދި ހަތްދިހަ އިންސައްތައަށް މާކްސްލިބިފައިވަނީ އެކަމަށް ކުރިމަތިލި މީހުންގެތެރެއިން އެންމެ މީހަކު ކަމުގައިވާނަމަ އެމީހަކަށް ބައި-އިކެޝަންގައި ވާދަކުރުމުގެ ފުރުސަތު ދެވޭނެކަމަށްވެސް ޕީޕީއެމުން ބުނެއެވެ.ޕީޕީއެމްގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ، މިމަހުގެ ސޯޅަ ވަނަ ދުވަހުގެ ނިޔަލަށެވެ.ޕީޕީއެމުން ބުނީ، ދިއްގަރު ދާއިރާއަށް އެޕާޓިގެ ޓިކެޓްގައި ވާދަކުރުމަށް އެދި ހުށައަޅާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެނަމަ، ޕްރައިމަރީއެއް ބާއްވާނެ ތާރީޚް ފަހުން އެޕާޓިން އިޢުލާންކުރާނެކަމަށެވެ.ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެދާއިރާގެ މެމްބަރުކަން ކުރެއްވި ޕީޕީއެމްގެ މެމްބަރު އަޙްމަދު ނާޒިމް، މަކަރާއި ހީލަތްހެދިކަމުގެ ކުށުގައި ފަންސަވީސް އަހަރަށް ޖަލަށްލުމަށް މިމަހުގެ ހަވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާއިގުޅިގެންނެވެ.