ޚަބަރު

މާލޭގެ އިތުރު މަގެއް ދެކޮޅަށް ދުއްވޭގޮތަށް ހަމަޖައްސައިފި


މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އައިފާނު ބިލްޑިންގުން ފެށިގެން އަލިމަސް ކާނިވަލާއި ހިސާބަށް އޮތް ސަރަޙައްދު ދެކޮޅަށް ދުއްވޭގޮތަށް ހަމަޖައްސައިފިއެވެ.

މީގެ ކުރިން މި ސަރަޙައްދު އެއްކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ހަމަޖެއްސީ އެ ސަރަޙައްދުގައި ހުންނަ ހުޅުލޭ އަދި ހުޅުމާލޭ ފެރީ ޓާރމިނަލްގެ ސަބަބުން އެހިސާބުގައި ތޮށްޖެހުން އިތުރުވާތީއެވެ. މި ސަރަޙައްދު ދެކޮޅަށް ދުއްވާގޮތަށް ހަމަޖެއްސުމުން މިހާރު ބޮޑުތަކުރުފާނު މަގުގައި ދެކޮޅަށް ނުދުއްވޭނީ އައިޖީއެމްއެޗްގެ ފުރަގަހުގައި އޮންނަ ސަރަޙައްދު އެކަންޏެވެ.

ދެކޮޅަށް ދުއްވޭގޮތަށް މި ސަރަޙައްދު ހަމަޖެއްސީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ މާލެ ވަށާއިގެން ދުއްވޭގޮތަށް ރިންގް ރޯޑެއް ހެދުމުގެ ވަޢުދުގެ ދަށުންނެވެ. ރައިސް ޞާލިހުގެ ވަޢުދުގެ ދަށުން ސަރުކާރުން މިހާރުވަނީ ބޮޑުތަކުރުފާނު މަގުގެ ރަސްފަންނު ސަރަޙައްދުގައި ކުރީ ސަރުކާރުން ބަންދުކޮށްފައި އޮތް ހިސާބުވެސް ހުޅުވާލާފައެވެ.