ވިޔަފާރި

އިންޓަރނޭޝަނަލް ފްރެންޗައިސް "ޒިމީ ވޯގް"ގެ ފިހާރައެއް މާލޭގައި ހުޅުވައިފި


ދުނިޔޭގެ ނަން މަޝްހޫރު ފްރެންޗައިސް ބްރޭންޑެއް ކަމަށްވާ "ޒިމީ ވޯގް"ގެ އައުޓްލެޓެއް މާލޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ.

މާލޭ ސްކެއަރގައި ތަރައްޤީކޮށްފައިވާ "ޒިމީ ވޯގް"ގެ ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

ޒިމީ ވޯގް މި ބްރޭންޑަކީ ކޮރެއާގެ ނަން މަޝްހޫރު ބްރޭންޑެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މި ބްރޭންޑުގެ 1500 ވަރަކަށް ފިހާރަ ހުންނައިރު އެމެރިކާ، އޮސްޓްރޭލިޔާ، ރަޝިއާ، ޔޫއޭއީ ސަޢޫދީ އަރަބިއްޔާ އަދި އިންޑިއާ ފަދަ ބޮޑެތި ޤައުމުތަކުގައި މި ބްރޭންޑްގެ ގިނަ ފިހާރަތައް ހުރެއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން "ޒިމީ ވޯގް"ގެ ރާއްޖޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރ، ސަން ޑްރޮޕްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އަޙުމަދު ޝަމާޙު ރަޝީދު ވިދާޅުވީ މިފިހާރައިން އަންހެނުންނަށް ޚާއްސަ ކޮސްމެޓިކްސް އަދި ލޯންޑްރީ ސާމާނު ލިބިގެންދާނެއެވެ. މީގެ އިތުރުން އިލެކްޓްރޯނިކްސް ސާމާނާއި ބަދިގެ ސާމާނާއި ކުޑަކުދިން ގަޔާވާ ކްރާފްޓް ސާމާނުވެސް މި ފިހާރައިން ލިބިގެންދާނެކަމަށް ޝަމާހު ވިދާޅުވިއެވެ.

ޒިމީ ވޯގްގެ ފިހާރަ ރަސްމީކޮށް ހުޅުވާފައިވާއިރު ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަންތައް ވަރަށް އަވަހަށް ކުރިއަށްގެންދާނެކަމަށް ޝަމާޙު ވިދާޅުވިއެވެ. ޝަމާޙު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި މާލޭގެ އިތުރުން ހުޅުމާލޭގައި މި ބްރޭންޑްގެ 5 ވަރަކަށް އައުޓްލެޓް ހުޅުވިގެންދާނެކަމަށެވެ.