ސިއްހަތު

ހުޅުމާލޭގެ އާ ހޮސްޕިޓަލުގެ އެގްރީމެންޓްގައި ސޮއިކޮށްފި


ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން "ޓްރީ ޓޮޕް ހޮސްޕިޓަލު"ގެ ނަމުގައި، ސަތޭކަ ފަންސާސް ނުވަ އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި ބިނާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.މި ހޮސްޕިޓަލު ބިނާކޮށް ނިމުމުން ޓާރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ޤާއިމުވެގެންދާނެކަމަށާއި، ދެކުނު އޭޝިއާއާ ދެކުނު އިރުމަތީ އޭޝިއާގެ ހޮސްޕިޓަލްތަކާ އެއް ފެންވަރެއްގެ ޞިއްޙީ ޚިދުމަތްތައް މި ހޮސްޕިޓަލުން ލިބޭނެ ކަމަށް ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑުން މައުލޫމާތުދެއެވެ.ޓްރީ ޓޮޕް ހޮސްޕިޓަލު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތުރުކީވިލާތުގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ، ޓާރމާކްސްއާއިއެވެ. އަދި ހޮސްޕިޓަލު އޮޕަރޭޓްކޮށް ހިންގުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މެލޭޝިއާ އާއި އޮސްޓްރޭލިއާގައި ސިއްޙީ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވަމުންދާ ކުންފުންޏެއްކަމަށްވާ ރެމްޒޭ ސިމްޑާރބީއާއިއެވެ.މި ދެ ކުންފުންޏާއިއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ، ހުޅުމާލޭގައި އިމާރަތް ކުރުމަށް ހަމަޖެހިފައިވާ ޓާރޝަރީލެވެލް ގެ ހޮސްޕިޓަލުވެގެންދާނީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ގެނުވާނެ ބޮޑު އިންގިލާބަކަށް ކަމަށާއި، މި ހޮސްޕިޓަލު މެދުވެރިކޮށް، ރާއްޖޭގައި މިވަގުތު ލިބެންނެތް އެތަކެއް ޚިދުމަތްތަކެއް އެއް ތަނަކުން ފަސޭހަކަމާއެކު ހޯދުމުގެ މަގު ފަހިވެގެންދާނެކަމަށެވެ. އަދި ސިއްޙީ ދާއިރާ ކުރިއެރުވުމުގައި އަމިއްލަ ވިޔަފާރި ވެރިންނާއި، ކުންފުނިތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުން އަބަދުވެސް އެއްބާރުލެއްވުން ދެއްވާނެކަމަށް މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ.ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑުން ބުނީ، މި ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތަށް އެކަނިވެސް ގާތްގަނޑަކަށް ފަސްދޮޅަސް މިލިއަން ޑޮލަރަށްވުރެ ގިނައިން ޚަރަދުވާނެކަމަށެވެ.ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.ދެ އިމާރާތުގެ މައްޗަށް އެކުލެވޭ ޓްރީ ޓޮޕް ހޮސްޕިޓަލަކީ، ހަ ބުރިއަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެކެވެ.މިތަން ނިމިގެންދާއިރު، އެތަނުގައި ސްޓޭންޑްބައި ޖަނަރޭޓަރާއި، ރެސްޓޯރަންޓާއި، ހަ ފަންގިފިލާގެ އެކޮމަޑޭޝަން ބައެއް ހިމެނޭނެ ކަމަށާއި، މި ދެ އިމާރާތްވެސް ހުންނާނީ އެއާރކޮންޑިޝަން ކުރެވިފައިކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.ޓްރީ ޓޮޕް ހޮސްޕިޓަލު އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 11 ނޮވެމްބަރު 2016 ގައެވެ. އަދި ހޮސްޕިޓަލް ހުޅުވަން ކަނޑައަޅާފައިވާ ތާރީހަކީ 1 މާޗު 2017ގައެވެ.