ސިޔާސީ

އޭސް ހާޑުވެއާ ކައިރިން ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި


މާފަންނު އޭސް ހާޑްވެއާ ކައިރިން ބިދޭސީއަކަށް ހަމަލާ ދިނުމަށްފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ އިރުއޮއްސުމާއި ގާތްވެފައި ވަނިކޮށް އޭސް ހާޑުވެއާ ކައިރީ ބިދޭސީއަކަށް ހަމަލާދީ ފޭރުނު މައްސަލައިގައި 42 އަހަރުގެ ދިވެހި ފިރިހެނަކާއި 54 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.

ބިދޭސީ މީހާއަށް ހަމަލާދީފައިވަނީ ހޮޓަލެއްގެ ތެރޭގައި ހުއްޓާ ކަމަށާއި އޭނާ އަތުން ދެހާސް ޑޮލަރާއި ފަސްހާސް ދިވެހި ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ވިދާލުވެއެވެ. އަދި ހައްޔަރުކުރި އެކަކު އަތުން، ފޭރުނު ކަމަށް ބެލެވޭ 1،300 ޑޮލަރު ފުލުހުން ވަނީ ހޯދާފައެވެ.

ފަހަކަށް އައިސް މާލޭގައި ފޭރުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ބުދަ ދުވަހުވެސް ސައިކަލެއްގައި ދިޔަ މީހެއްގެ އަތުގައި ހުރި ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެން އުޅުނު ދެމީހުންގެ ތެރެއިން އެކަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފޭރެން މަަސައްކަތް ކުރާ ގިނަ މީހުން ތިބެނީ ހެލްމެޓް އަޅައިގެން މޫނު ފޮރުވައިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މާލެއާއި ހުޅުމާލެއާއި ދެމެދު ބްރިޖުގައި ދުއްވާއިރު ހެލްމެޓު އެޅުން މަޖުބޫރުކުރި ފަހުން ހެލްމެޓު އަޅައިގެން ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.