ޚަބަރު

އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް އުދަ އަރަނީ


އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރަމުން އެބަދެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫގެ އިތުރުން ހުޅުމީދޫއަށްވެސް އުދައިގެ އަސަރު ކުރަމުން އެބަދެއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހުޅުދޫގެ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ، ދިޔަވަރު ބޮޑު ވިވަގުތު ހުޅުދޫ ބަނދަރުގެ ތޮށިގަނޑު މައްޗަށް ލޮނުގަނޑު އަރާފައިވާކަމަށާއި، ރަށުގެ ބައެއް ސަރަހައްދުތަކަށް ލޮނުގަޑުގެ އަސަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިވަގުތަކީ ދިޔަވަރު ބޮޑު ނޫން ވަގުތެއްކަމުން މިހާރު އުދަ އަރަމުން ނުދާކަމަށް ޝުކުރީ ވިދާޅުވިއެވެ.

މިއަދު އައްޑޫގެ މޫސުން ގޯސް ނޫންނަމަވެސް މި ސަރަހައްދުގެ ކަނޑު ވަރަށް ގަދައެވެ. ލޮނުގަނޑު ރަށުތެރެއަށް އެރުމުގެ ސަބަބުން ދުއްވާ އުޅަނދުފަހަރުތަކައްވެސް ގެއްލުން ލިބެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ދެކުނުގައި ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދެކުނާއި މެދުތެރޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރުފޯރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސޫމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލާފަކުރާގޮތުން ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.

މިއަދު ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުކަމަށް ލަފާކުރެވެނީ މެންދުރު 13:57 ގައެވެ. އަދި މާދާމާ ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު 14:32 ގައިކަމަށް މޫސޫމާއި ބެހޭގައުމީ އިދާރާއިން ވިދާޅުވެއެވެ.