ސިޔާސީ

އެމްޑީޕީގެ ވަޢުދުތައް ފުއްދުމަށް 5 ކޮމިޓީއެއް އެކުލަވާލައިފި


ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯއާއި، އެޖެންޑާ 19 ގައި ހިމެނޭ ވަޢުދުތައް ފުއްދުމަށް ފަސް ކޮމިޓީއެއް އެކުލަވާލާ މަސައްކަތް ފަށައިފިއެވެ.

އެމްޑީޕީން ބުނީ އެޕާޓިން ރިޔާސީ އިންތިޚާބަށް ކުރިމަތިލީ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައިވާ ކަންކަން ފުއްދުމަށް ވައުދުވެގެންކަމަށާއި، އެ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރާނެ ކަންކަން ބަޔާންކޮށްފައިވަނީ އެޖެންޑާ 19 ގައިކަމަށެވެ. އެހެން ކަމުން، "ޖަޒީރާ ރާއްޖެ" މެނިފެސްޓޯއާއި "އެޖެންޑާ19" ގައިވާ ކަންކަން ތަންފީޛުކުރުމަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރުން ގުޅިގެން މަސައްކަތް ކުރުމަށް 5 ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެ ފަސް ކޮމިޓީ އެކުލަވާލާފައިވަނީ 5 ދާއިރާއެއްގެ މައްޗަށްކަމަށާއި، އެއީ އިންޞާފު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިޤްޠިޞާދުކަމަށް އެމްޑީޕީން ބުނެއެވެ.

އެކޮމިޓީތަކުގެ މައިގަނޑު މަސައްކަތަކީ، އެ 5 ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމާއި، ވައުދުތައް ފުއްދުމަށް ސަރުކާރުން ހިންގާންޖެހޭ މަޝްރޫޢުތައް ދެނެގަނެ އެމަޝްރޫޢުތައް ހިންގާނޭ އުޞޫލުތައް ދެނެގަތުންކަމަށް އެމްޑީޕީން ބުނެއެވެ. މި ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވަނީ، ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއި، ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ބޭފުޅުންނާއި، ފަންނީ މާހިރުންކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ނިމިދޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވަނީ 65 ދާއިރާއެއްގެ ގޮނޑި ކާމިޔާބުކޮށް، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ. އެމްޑީޕީން ބުނެފައިވަނީ 19 ވަނަ މަޖިލިސް ފެށުމާއެކު އެޖެންޑާ 19 ގައި ހިމެނޭ ހުރިހާ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެފަހަރާ ފަށްޓަވާނެކަމަށާއި، އެޕާޓީން ވައުދުވި ގޮތަށް މެނިފެސްޓޯގައި ހިމެނޭ ހުރިހާކަމެއް އެއްފަހަރާ ތަންފީޒުކުރުމަށް މަސައްކަތްކުރާނެކަމަށެވެ.