ސިޔާސީ

ޤާނޫނުލް އުޤޫބާތަށް އަމަލުކުރުން ފަސް ކުރުމަށް ފާސް ކޮށްފި


އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ތިންމަސް ދުވަހަށް ފަސްކުރުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނިންމިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.އާ ޤާނޫނުލް އުގޫބާތަށް އަމަލްކުރުން ފަސްކުރުމަށް ފާސްވީ މަޖިލީހަށް ހާޒިރުވި 69 މެމްބަރުންގެތެރެއިން 43 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.ވޯޓަށް އެހުމަށް ހުރަސްއެޅުމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން މަޖިލިސްގެ ރިޔާސަތާއި އިދާރީ މޭޒުތަކުގައި ތިބުމުން މަޖިލިސްގެ ރައީސް އިށީނދެވަޑައިގެން އިންނެވީ ރިޔާސަތުގައި ހުރި ގޮނޑީގެ ބަދަލުގައި އިދާރީ މޭޒުކައިރީގައި ހުރި ގޮނޑިއެއްގައެވެ.ވޯޓަށް އެހީ މެމްބަރުން އަތްމައްޗަށް ނަގައިގެންނެވެ.މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވިނަމަވެސް އާންމުކޮށް މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހަފްތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.މިއަދު ޖަލްސާ މިބޭއްވީ މަދާމަ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށަން ކުރިން ކަނޑައެޅިފައި އޮތުމާއެކު ގައުމީ ސަލާމަތާއިބެހޭ ކޮމެޓީން މިކަމާއިގުޅޭގޮތުން އެކުލަވައިލި ރިޕޯޓާއިމެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ލިބޭ އެންމެފަހުދުވަސްކަމަށް މިއަދުވާތީއެވެ.ޖަލްސާގެ ހެނދުނުގެ ދަންފަޅީގައިވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ އިދާރީ މޭޒާއި ރިޔާސަތަށް ހުރަސްއަޅުމަށް މަސައްކަތްކުރެއްވިއެވެ. އެހެންނަމަވެސް ރިޕޯޓާއިމެދު ބަހުސްކުރުން ހެދުނުގެ ދަންފަޅީގައި ރިޔާސަތުން ކުރިއަށް ގެންގޮސްފައިވެއެވެ.