ޚަބަރު

ވުމެންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރު ވެއްޖެ

ކްލަބް މޯލްޑިވްސް ކަޕާއެކު މިހާރު ކުރިޔަށްދާ އެއިޓީން ތާޓީ ވުމެންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރު ވެއްޖެއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވީ ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭ ކުޅެ ނިމުމުންނެވެ. އެގޮތުން ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްދާ އެއިޓީން ތާޓީ ވުމެންސް ފުޓްސަލް ފިއެސްޓާގެ ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި އެމްޕީއެލް ސެމީން ޖާގަ ހޯދިއިރު ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ކްލަބް އިމިގްރޭޝަނެވެ.
ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕޮލިސް ކްލަބް ސެމީއަށް ދިޔައިރު ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ދިވެހި ސިފައިންގެ ކްލަބެވެ.

އެއީޓީން ތާޓީ ވުމެންސް ފުޓްސަލް ފިއެސްޓާގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު އެމްޕީއެލް ވަނީ ދެ ލަނޑު އެއް ލަނޑުން ކްލަބް އިމިގްރޭޝަން ބަލިކޮށްފައެވެ. މެޗުގައި އެމްޕީއެލްގެ ލަނޑުތައް ޖަހައިދިނީ ފާތިމަތު ސާލިޔާ އަދި ސަހަރް ޒަމަނިފާޑްއެވެ. އިމިގްރޭޝަންގެ ލަނޑު އެޓީމަށް ޖަހައިދިނީ ރަނި މުލްޔާ ސާރީއެވެ.

ފެނަކަ ޓީމުންވަނީ ތިން ލަނޑު ދެ ލަނޑު ވެމްކޯގެ މައްޗަށް ކުރިހޯދާފައެވެ. ފެނައިގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެޓީމަށް ޖަހައިދިނީ ލައިޝާ ޖުނައިދެވެ. އަނެއް ލަނޑަކީ ވެމްކޯ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ވެމްކޯއިން ޖެހި ދެ ލަނޑުވެސް އެޓީމަށް ޖަހައިދިނީ މަދީނާއެވެ. ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ޕޮލިސް ކްލަބު ރޭ ވަނީ ފެން ކްލަބް ކޮޅަށް ވިހި ލަނޑު ޖަހާފައެވެ. އަދި ރޭ ކުޅުނު ފަހު މެޗުގައި ދިވެހި ސިފައިންގެ ކްލަބުން ވަނީ ޓްރޭޑް ކްލަބް ކޮޅަށް ދިހަ ލަނޑު ޖަހާފައެވެ.

އެއިޓީން ތާޓީ ވުމެންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސައްބީސް ވަނަ ދުވަހުއެެވެ.