ތަރައްްޤީ

ކެޔޮދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށަނީ


ވ.ކެޔޮދޫ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ.

އެގޮތުން ކެޔޮދޫ ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކާއި ބައެއް ސާމާނުތައް ވަނީ އެރަށަށް މިހާރު ގެންގޮސްފައެވެ.

އެރަށު ބަނދަރަށް 212 މީޓަރުގެ އެއްގަމު ތޮށީގެ ސަރަޙައްދެއް އިތުރުކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީން ބުނެފައިވަނީ، ބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި، މަސައްކަތް ކުރާ މީހުން އެރަށަށް މިހާރު ގެންގޮސްފައިވާކަމަށެވެ. އަދި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ހަފްތާގެތެރޭގައި ފަށާނެކަމަށެވެ.

ބަނދަރު ބޮޑުކުރުމުގެ އިތުރުން ބަނދަރުގައި 362 މީޓަރުގެ ބޭރު ތޮށްޓެއް ލުމާއި، ބަނދަރު ފުންކުރުމާއި، ބަނދަރުގައި ރޭމްންޕް ހެދުމާއި، ޕޭވްމަންޓް ހެދުމާއި، ބަނދަރުގައި ބައްތިޖެހުންވެސް މި މަޝްރުޢޫގެ ތެރޭގައި ހިމެނެއެވެ.

ކެޔޮދޫ ކައުންސިލްގެ ރައީސް އަޙްމަދު ޔޫސުފް ވިދާޅުވީ އެރަށުގެ ބަނދަރަކީ އިރުވައި މޫސުމުގައި ބޭނުން ކުރަން ދަތި ބަނދަރެއްކަމަށެވެ. އެގޮތުން އުދައެރުމާއި، ބައެއް ދުވަސްވަރު އުޅަނދުތައް ބަނދަރުކުރުމަށްވެސް ދަތިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެރަށުގައި ދުއްވާ ކަނޑު އުނޅަނދުތައް ގިނަވުމުގެ ސަބަބުން ބަނދަރުގައި ޖާގައިގެ ދަތިކަންވެސް ދިމާވަމުންދާކަމަށެވެ. އަދި ކެޔޮދޫއަކީ ގެސްޓްހައުސް ވިޔަފާރު ފުޅާ ދާއިރާއެއްގައި ކުރާ ރަށަކަށްވުމާއި، މަސްވެރިކަންވެސް ކުރާ ރަށަކަށް ވާތީ، އެރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ހެދިފައި އޮތުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކެޔޮދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 9 މަސް ދުވަހުގެތެރޭގައެވެ. މި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއި ހަވާލުކުރީ މިމަހުގެ 10ވަަނަ ދުވަހުއެވެ.

ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިކުރާ ކެޔޮދޫއަކީ، 900 އާއި ގާތްކުރާ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.