ކުޅިވަރު

16 އަހަރުން ދަށުގެ މެޗުގައި ސ.އަތޮޅު މަދުރަސާ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްފި


މަމެން އައްޑޫ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އިއްޔެ ކުޅުނު މެޗް ސ.އަތޮޅު މަދުރަސާ ކާމިޔާބުކޮށްފިއެވެ. މި މެޗް ސ.އަތޮޅު މަދަރުސާ ކާމިޔާބުކޮށްފައިވަނީ 8 ލަނޑު 2 ލަނޑުން ފޭދޫ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސ.އަތޮޅު މަދުރަސާއިންވަނީ 6 ލަނޑު ޖަހާފައިއެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 4ވަނަ މިނެޓުގައި ސ.އަތޮޅު މަދުރަސާ ސްކޫލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަބްދުﷲ ލުއޭ އަލީ ޝަހީމްއެވެ. އަދި ދެވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ރައްޔާން މުއްސަދު މަންސޫރްއެވެ. ފުރަތަމަ ހާފްގެ ތިންވަނަ ލަނޑާއި، ހަތަރުވަނަ ލަނޑު އަދި ފަސްވަނަ ލަނޑު ޖަހައިދިނީ ސ.އަތޮޅު މަދަރުސާގެ ހަސަން ޝަހާފްއެވެ. އަދި ފުރަތަމަ ހާފްގެ 34ވަނަ މިނެޓުގައި ސ.އަތޮޅު މަދުރަސާ ސްކޫލްގެ ހަވަނަ ލަނޑު އެޓީމްއަށް ޖަހައިދިނީ މުހައްމަދު ސައްޔަދު ހަސަންއެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗްގެ ދެވަނަ ހާފްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ސ.އަތޮޅު މަދުރަސާގެ މުހައްމަދު ޒާލިފް ޒާހިރްއެވެ. ފޭދޫ ސްކޫލްގެ ފުރަތަމަ އަދި ދެވަނަ ލަނޑު އެ ސްކޫލަށް ޖަހައިދިނީ މުހައްމަދު ޒައުލް ނާޒިމް އަދި މުހައްމަދު ޔަޝްފާންއެވެ. މި މެޗުގައި ފޭދޫ ސްކޫލަށް ލަނޑުޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ފޭދޫ ސްކޫލްގެ ކޯޗް އަލީ ހަނީޒް ބުނީ ފޭދޫ ސްކޫލްގެ ޓީމްވަނީ މުބާރާތުން ކަޓާފައިކަމަށާއި، ކުރިއަށްއޮތްތާ މުބާރާތްތަކުގަ އެދެވޭ ނަތީޖާއާއި ހަމަޔަށް ވާސިލް ވެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

"ޓީމް މިއޮތީ ގާތްގަޑަކަށް މުބާރާތުން އައުޓްވެފަ. އަޅުގަނޑުމެންނަކަށް ދެން އެފުރުސަތެއް ނެތް. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތާ އެކި މުބާރާތްތަކުގަ އެދެވޭ ނަތީޖާއާއި ހަމަޔަށް ވާސިލް ވެވެތޯ މަސައްކަތް ކުރާނަން. މިހާރު ކުޅުނު ތިން މެޗުންވެސް ފޭދޫ ސްކޫލް ބަލިވެފަ މިހުރީ. ގިނަ ގޯލްތައް އަޅުގަނޑުމެން ކޮޅަށް ވަދެ ބަލިވެފަވަނީ. އަޅުގަނޑުމެން މިބަލަނީ މީއަދި ނިމުމެއް ނޫންކަމަށް. މިއީ ފެށުންކަމަށް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މުބާރާތް ނިމުނަސް ކޮންޓިނިއަސްކޮށް ޕްރެކްޓިސް ކުރިއަށްގެންދާނަން." ފޭދޫ ސްކޫލްގެ ކޯޗް އަލީ ހަނީޒް ވިދާޅުވިއެވެ.

ސ.އަތޮޅު މަދުރަސާގެ ކޯޗް އަހްމަދް ފިރާޒް ބުނީ ދެންވެސް އޮތީ ފޯރިގަދަ މެޗްތަކެއް ކަމަށާއި، އުއްމީދަކީ މުބާރާތުގެ ފައިނަލްގައި ވާދަކުރުންކަމަށް.

"ސ.އަތޮޅު މަދުރަސާއަށް މިހާރު ހަ ޕޮއިންޓް އެ ލިބުނީ. ދެންވެސް އޮންނާނީ ވަރުގަދަ މެޗެއް. އެއީ 16 އަހަރުން ދަށުގެ އެންމެ ފަހު މެޗް. މުބާރާތުގައި 16 އަހަރުން ދަށުގައި ކުޅޭ ހުރިހާ ޓީމްތަކަކީވެސް ފުދޭ ވަރަކަށް ރަނގަޅު ޓީމްތަކެއް. އެހެންވީމަ އުންމީދުކުރަނީ ފައިނަލުގަ ކުޅެވޭނެކަމަށް" ސ.އަތޮޅު މަދުރަސާގެ ކޯޗް އަހްމަދް ފިރާޒް ވިދާޅުވިއެވެ.

މި މުބާރާތުގައި މިއަދު މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ކުޅޭނީ 14 އަހަރުން ދަށުގެ މެޗުތަކާއި، 12 އަހަރުން ދަށުގެ މެޗްތަކެކެވެ. 14 އަހަރުން ދަށުގެ މެޗުގައި ބައްދަލުކުރާނީ ޝަރަފުއްދީންސްކޫލާއި ސ.އަތޮޅު މަދުރަސާއެވެ. އަދި 12 އަހަރުން ދަށުގެ މެޗުގައި ބައްދަލުކުރާނީ ޝަމްސުއްދީން ސްކޫލާއި ހިތަދޫ ސްކޫލެވެ.