ޚަބަރު

އެލާގެ މައްސަލައިގަ ވިލާއަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް-ކޯޓު


ވިލާ ކުންފުންޏަށް ދޫކޮށްފައިވާ ތ އެލާގެ އެގްރިމެންޓް ބާތިލްކުރި މައްސަލާގައި އެކުންފުނިން ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ނެރެދެވެންނެތްކަމަށް ސިވިލްކޯޓުން ނިންމައިފިއެވެ. ވިލާ ކުންފުނިން ޓުއަރިޒަމް މިނިސްޓްރީއާއި ދެކޮޅަށް ދައުވާކޮށްފައިވާ މައްސަލާގައި ބުނެފައިވަނީ ތ އެލާ ދިނުމަށް ސަރުކާރުން އެކުލަވާލި އެމެންޑެޑް އެންޑް ރީ ސްޓޭޓެޑް ލީޒް އެގްރިމެންޓް ބާތިލްކޮށްފައިވަނީ ގަވައިދާ ހިލާފަށްކަމަށެވެ. އަދި  އެ މައްސަލާގައި ގޮތެއް ނިމެނެދެން އެގްރިމެންޓް ބާތިލްކުރި ކުރުން ވަގުތީ ގޮތުން ހުއްޓުވާދިނުމުގެ ވަގުތީ އަމުރަކަށް ވިލާ ކުންފުނިން އެދިފައިވެއެވެ.ވަގުތީ އަމުރާއި މެދު ސިވިލްކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައިވަނީ ވިލާ ޝިޕިންއަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުންތަކަކީ މާލީ ގެއްލުންތަކަކަށް ވާއިރު އެފަދަ ގެއްލުމަކީ އަދްލުވެރި ގޮތެއްގައި އަންބުރާ އިއާދަކުރެވޭނެ ގެއްލުމެއްކަމަށް ޝަރީއަތަށް ގަބޫލްކުރެވޭކަމަށެވެ. އަދި ވިލާ ޝިޕިން އިން އެދިފައިވާ ގޮތަށް  އަމުރުނެރެފިނަމަ ދައުވާގެ މައުލޫއަށް  ގޮތެއް ކަނޑައެޅިގެންދާނެތީ އެ ދައުވާ މި ހިންދު ނެރެދެވޭނެ ތަނެއް ނެތްކަމަށްވެސް ސިވިލްކޯޓްގެ ނިންމުމުގައިވެއެވެ.ތ އެލާއާއި އާއި ގުޅިގެން ހުށައެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް  ނިންމާފައިވާއިރު މީގެކުރިން މާދިގު ފަޅާއި ކަނުހުރާގެ މައްސަލާގައިވެސް ވަގުތީ އަމުރު ނުނެރުމަށް ސިވިލްކޯޓުން ނިންމާފައިވެއެވެ.ވިލާ ކުންފުންނިން ދައުލަތަށް ދައްކަންޖެހޭ ސަތޭކަ މިލިޔަން ޑޮލަރު ދެއްކުމަށް އަންގާ އެކުންފުންޏަށް ދީފައިވާ ބައެއް ރަށްތަކާއި ފަޅުތަކުގެ އެގްރިމެންޓް ޓްއަރިޒަމް މިނިސްޓްރީން ބާތިލްކުރި މައްސަލާގައި މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެފައިވެއެވެ.އަނެއްކޮޅުން ދައުލަތަށް ދައްކަންޖެހޭ ސަތޭކަ މިލިއަން ޑޮލަރު މިމަހުގެ ސަތާރަވަނަ ދުވަހުގެ ކުރިން ނުދައިކައިފިނަމަ އޭގެ ފަހުން އެކުންފުނީގެ އެކައުންޓްތައް ފްރީޒްކުރުން ފަދަ ކަންކަން ކުރާނެކަން އަންގާ މިރާއިން ވިލާއަށް ނޯޓިސްފޮނުވާފައިވެއެވެ.