ވިޔަފާރި

ފުރަތަމަ ދެދުވަހު ނައިޓް މާކެޓަށް 25,000 މީހުން ޒިޔާރަތްކުރި


ލިކަމެކް ނައިޓް މާކެޓްގެ ފުރަތަމަ ދެދުވަހު 25,000 މީހުން ޒިޔާރަތްކުރިކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިންޑޯ ނައިޓް މާރކެޓް، "ލިކަމެކް" ނައިޓް މާކެޓު ފަށާފައިވަނީ ބުދަ ދުވަހުގެ ހަވީރުއެވެ. މި ނައިޓް މާކެޓާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން ލިކަމެކްގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ މަރިޔަމް ސާޖިއަތު ވިދާޅުވީ، ފުރަތަމަ 2 ދުވަހު ނައިޓް މާކެޓަށް ލިބުނު ތަރުޙީބު ބޮޑުކަމަށެވެ. އެގޮތުން މިހާތަނަށް ނައިޓް މާކެޓަށް 25،000 މީހުން ޒިޔާރަތްކޮށްފައިވާއިރު، މި ނައިޓް މާކެޓުން ހުރިހައި ބާވަތެއްގެ މުދާ ހެޔޮއަގުގައި ލިބެން ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ނައިޓް މާކެޓަކީ ކުރިޔަށް އޮތް ރޯދަ މަހާއި ދިމާކޮށް ރާއްޖޭގެ ރައްޔިތުންނަށް އެއްތާކުން ވިޔަފާރިކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއްކަމަށް ނައިޓް މާކެޓް އިންތިޒާމްކުރާ ލިކަމެކް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

"ބުދަ ދުވަހާއި ބްރާސްފަތިދުވަހު މިވަނީ ނައިޓް މާކެޓަށް 25،000 ދިވެހިން ޒިޔާރަތްކޮށްފައި. ނައިޓް މާކެޓްގެ މައިގަނޑު މަޤްސަދަކީ ރޯދައިގެ ކުރިން އެއްފުރާޅެއްގެ ދަށުން ހުރިހާ ބާވަތެއްގެ މުދާ ލިބޭނެ ގޮތް ހެދުން." މަރިޔަމް ސާޖިއަތު ވިދާޅުވިއެވެ.

ދަރުބާރުގޭގެ އެތެރެއާއި ބޭރު ހިމެނޭގޮތުން މުޅިއެކު މި ނައިޓް މާކެޓްގައި 219 ސްޓޯލް ވަނީ ބަހައްޓާފައެވެ. ނައިޓްމާކެޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެށެވެ.

ނައިޓް މާކެޓް ހުޅުވިފައި ހުންނާނީ ކޮންމެދުވަހެއްގެ މެންދުރު ދޭކުން އިރުއޮއްސި ހަޔަކަށް އަދި ރޭގަނޑު އަށަކުން އެގާރައަށެވެ. ނައިޓް މާކެޓް އޮންނަ އެންމެފަހު ދުވަސްކަމަށްވާ، 26 ވަނަ ދުވަހު މާކެޓް ކުރިއަށްދާނީ މެންދުރުފަހު ދޭކުން އިރުއޮއްސި ހަޔަކަށްކަމަށް ލިކަމެކްއިން ބުނެއެވެ.