ސިއްހަތު

ހެލްތް މިނިސްޓްރީގެ ބޭނުމަށް 15 އެމްބިއުލާންސް ހޯދަނީ


ހެލްތް މިނިސްޓްރީގެ ބޭނުމަށް 15 އެމްބިއުލާންސް ހޯދަން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެމްބިއުލާންސް ހޯދައިދޭން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިހާރު ހުޅުވާލާފައިވާކަމަށާއި، ބީލަމުގައި ބައިވެރިވުމަށް އެއްހާސް ފަސްސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ފަންސާސް ހާސް ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ޤުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުން ސިއްޙީ ފަރުވާ އެކަށީގެންވާ ގޮތެއްގައި ދިނުމަށްޓަކާ، ނެޝަނަލް އެމްބިއުލެންސް ސަރވިސްއެއް ތައާރަފްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މި ޚިދުމަތުގެ ދަށުން ރާއްޖޭގެ އެމްބިއުލަންސްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ސިއްޙީ ފަރުވާ ބޭނުންވާ މީހުންނަށް އެންމެ އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްބިއުލާންސްތަކުގެ ތެރެއިން 30 އިންސައްތަ އެމްބިއުލާންސް ހުރީ ބޭނުން ނުކުރެވޭ ހާލަތެއްގައިކަން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ. އަދި ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ދަށުން މި އުޅަންދުތަކުގެ މެއިންޓެއިނަންސް މަސައްކަތްތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.