ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް ވަރުގަދަ ކެމްޕެއިންތަކެއް!


ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް މިއަހަރުތެރޭ ވަރުގަދަ ކެމްޕެއިންތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވާ ކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.

އެގޮތުން ރާއްޖެ އިޝްތިހާރުކުރުމުގައި އިންޑިއާ، އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް އަމާޒްކޮށްގެން ހަރަކާތްތަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ޕްރޮމޯޓުކުރުމަށްޓަކައި އެމްއެމްޕީއާރުސީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެތެރޭ ރާއްޖެ އިޝްތިހާރުކޮށް، ޕްރޮމޯޓުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ގޮތުގެ މަރކެޓިންގ ޕްލޭނެއް އެމްއެމްޕީއާރުސީން ވަނީ އެކުލަވާލާފައެވެ.
މަރކެޓިންގ ޕްލޭންގައި ވާގޮތުން ރާއްޖެ އިޝްތިހާރުކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ 22 މަރކެޓަކަށް ބަހާލައިގެންނެވެ.

އެގޮތުން އެޤައުމުތަކާއި އެކި ސަރަޙައްދުތަކުގައި ކުރިއަށްދާ 21 ފަތުރުވެރިކަމުގެ ފެއަރއެއްގައި ބައިވެރިވުމަށް ނިންމާފައިވާއިރު، 18 ރޯޑް ޝޯވްއެއް ކުރިއަށްގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި 22 ޤައުމަކުން ނޫސްވެރިންގެ ޓީމްތައް ރާއްޖެ ގެނެސް ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު ދިނުމަށްވެސް ވަނީ ޕްލޭންގައި ހިމަނާފައެވެ.

އެމްއެމްޕީއާރުސީން ކުރިއަށްގެންދިޔުމަށް ރާވާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، އިންޑަސްޓްރީގެ ފަރާތްތަކާއި ގުޅިގެންވެސް އަހަރުތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު އޮންލައިންކޮށް ބޮޑު ކެމްޕެއިނެއްވެސް ކުރިއަށްގެންދިޔުމަށް ރާވާފައިވާ ކަމަށެވެ.

މި ހަރަކާތްތަކުގެ ތެރެއިން އަހަރުގެ މިހާތަނަށް އެމްއެމްޕީއާރުސީންވަނީ ފަތުރުވެރިކަމުގެ 11 ފެއަރއަކާއި، ރޯޑް ޝޯވްއަކާއި، ނުވަ ޤައުމެއްގައި ޕީއާރު ހަރަކާތްތައް އަދި ނޫސްވެރިން ރާއްޖެއަށް ގެނެސް، ރާއްޖެއާއި ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއްވެސް ކުރިއަށްގެންގޮސްފައެވެ.