ޚަބަރު

އެފްއޭއެމްގެ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ބޭނުން ކްލަބްތަކަށް ފުރުސަތު ހުޅުވާލައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖޭގެ ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އެފް އޭ ފުޓްސަލް ކަޕް 2019 ގެ ނަމުގައި އަންހެން އަދި ފިރިހެން ބައިވެސް ހިމެނޭ ގޮތަށް އަންނަ ރަމަޞާން މަހު ބާއްވަން ހަމަޖައްސައިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމިއްޔާތަކަށް އެކަނި ކަމަށް މުބާރާތާއި ގުޅޭގޮތުން އެފް އޭއެމުން އާންމުކުރި އިއުލާނެއްގައި ބުނެފައިވެއެވެ. އެ އިއުލާނުގައި ވާ ގޮތުން މިފަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ ބައިވެރިވުމަށް އެދި ހުށަހަޅާ ޓީމްތަކުގެ ތެރެއިން ފިރިހެން ބައިގައި 16 ޓީމް އަދި އަންހެން ބައިގައި 8 ޓީމަށެވެ. ބައިވެރިވާ ޓީމްތައް ހޮވުމުގައި އެފްއޭއެމްގެ މެންބަރު ކްލަބްތަކަށް އިސްކަންދޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާ އަދި ރަނަރ އަޕް ޓީމަށް 25،000 ރުފިޔާ ދޭގޮތަށް ހަމަޖައްސައިފައިވާ މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި 2،000 ރުފިޔާ ދައްކަންޖެހެއެވެ.