ޚަބަރު

މަދިރިންޖެހޭ ބަލިތަކާދެކޮޅަށް ކުރިއަށްގެންދާ ކެމްޕޭނުގެ ޢަމަލީ މަސައްކަތް ފަށައިފި


ވިއްސާރަ މޫސުމުގައި މަދިރިންޖެހޭ ބަލިތަށް ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ކުރިއަށްގެންދާ ޚާއްސަ ކެމްޕެއިންގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި ކެމްޕެއިންގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، މާލެ ސިޓީ ސަރަހައްދުގައި ހުންނަ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތްކުރާ ސައިޓް ސުޕަވައިޒަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކުންނެވެ.

މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ ކެމްޕޭނެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވަނީ ފަށާފައެވެ. އެގޮތުން މިކެމްޕޭންގެ ދަށުން ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި ބެލެނިވެރިންނަށް ޚާއްސަ ޙަރަކާތްތަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، މިމަސައްކަތް ރަސްމީކޮށްފަށާފައިވަނީ، މާލެ ސިޓީ ސަރަހައްދުގައި ހުންނަ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތްކުރާ ސައިޓް ސުޕަވައިޒަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކުންނެވެ.

މި ޕްރޮގްރާމްގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން، އެޗްޕީއޭގެ ޓްރޮޕިކަލް ޕްރޮގްރާމް މެނޭޖަރ ސަނާ ސަލީމް ވިދާޅުވީ، މި ޕްރޮގްރާމްގައި މާލެ ސިޓީ ސަރަހައްދުގައި ހުންނަ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތްކުރާ ސައިޓް ސުޕަވައިޒަރުންނަށް ޑަބްލިއުއެޗްއޯގެ މަދަދާއިއެކު މަޢުލޫމާތު ފޯރުކޮށްދީފައި ވާކަމަށެވެ. 40 ފަރާތަކުން ބައިވެރިވި މި ޕްރޮގްރާމަށްފަހު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހަދަމުންދާ އިމާރަތްތަކުގެ ހާލަތުގެ ބެލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް ސަނާ ވިދާޅުވިއެވެ.

"އެޗްޕީއޭއިން ގިނަ މަސައްކަތްތަކެއް މިމަހު އެއްކޮށް މަދިރި ކޮންޓްރޯލްކުރުމަށް ކުރުމަށް ނިންމާފައިވޭ. މިހަރަކާތަކީ މީގެ ފެށުން. އެގޮތުން މި ހަރަކާތުގައި މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ 40 ތަނެއްގެ ސުޕަވައިޒަރުން ބައިވެރިވޭ. އަޅުގަނޑުމެން ހުޅުމާލެ އަދި ވިލިމާލޭގައި އިމާރަތްކުރާ އިމާރަތްތަކުގައި މަދިރީގެ ހާލަތުގެ ބެލުމުގެ މަސައްކަތްކުރާނެ." ސަނާ ސަލީމް ވިދާޅުވިއެވެ.

މި ކެމްޕޭނަކީ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން، ޑަބްލިއުއެޗްއޯ، އެޗްޕީއޭއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ. މިޙަރަކާތުގައި ބައިވެރިވި މާލެ ސިޓީ ކައުންސިލަރުންވަނީ މަދިރީގެ ސަބަބުން އުފެދޭ ނުރައްކާތެރި ބަލިތައް ރާއްޖެއިން ނައްތާލުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އިތުރަށް އެކަމުގައި ވަކިވަކި ފަރުދުންގެ ދައުރުވެސް މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަދިރިން ސަލާމަތްވުމަށް ގެއާއި ގޯތިތެރޭގައާއި ޢާންމު ތަންތަނުގައި މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަކެތި ރަނގަޅު ގޮތުގައި ނައްތާލުމަކީ މަދިރި ކޮންޓްރޯލްކުރުމަށް އޮތް އެންމެ ބޮޑު ހަތިޔާރުކަން މިބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މި ކެމްޕޭންގެ ދަށުން މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތަށް ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ރިސޯޓްތަކަށް އަމާޒުކޮށްގެން އިންޓަގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް ކޮންފަރެންސެއް ބޭއްވުމާއި، ބިދޭސީންނަށް މަޢުލޫމާތު ދިނުމާއި ރަށްތަކުގައި ހުރި މަދިރި އާލާވާފަދަ ތަންތަން ނައްތާލުމުގެ މަސައްކަތްވެސް މިކެމްޕެއިންގެ ތެރެއިން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.