ވިޔަފާރި

އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ޓުއަރިޒަމް ފެސްޓިވަލް ޔަންގްޒޯ ސިޓީގައި ފަށައިގެން ކުރިއަށް


އިންޓަރނޭޝަނަލް އިކޮނޮމީ، ޓްރޭޑް އެންޑް ޓުއަރިޒަމް ފެސްޓިވަލް ޗައިނާގެ ޔަންގްޒޯ ސިޓީގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

މިފެސްޓިވަލަކީ ޗައިނާއިން ބާއްވާ ބައިނަލްއަޤްވާމީ ވިޔަފާރިއާއި ފަތުރުވެރިކަމާއި ޓެކްނޮލޮޖީއާއިބެހޭ އެންމެ ބޮޑު އެއް ފެސްޓިވަލެވެ.
މިފެސްޓިވަލްގެ ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ފައިސަލް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މިމަހުގެ އަށާރަވަނަ ދުވަހު ޗައިނާގެ ޔަންގްޒޯ ސިޓީގެ ޖިއާންސޫ ޕްރޮވިންސްގައި ފެށި މި ފެސްޓިވަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މެއިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފެސްޓިވަލަކީ ޓެކްނޮލޮޖީގެ ދާއިރާއިން އަލަށް ވިޔަފާރިކުރަން ފަށާ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ޗައިނާއިން ބޭރުގެ ކުންފުނިތަކާއި، ވަކިވަކި ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، އެއްބަސްވުންތަކަށް އައުމަށް ފުރުސަތު ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ފެސްޓިވަލެކެވެ.

ދެހާސް ދެވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މިފެސްޓިވަލްގެ ތެރެއިން ޗައިނާ އާއި އެހެން ޤައުމުތަކުގެ ކުންފުނިތަކުގެ މެދުގައި ސަތޭކައަށްވުރެ ގިނަ އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، މި އެއްބަސްވުންތަކުގެ އަގު އެތައް ބިލިއަން ޑޮލަރަށް އަރައެވެ.

ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ޓެކްނޮލޮޖީ، ވިޔަފާރި، އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ، އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.

ޗައިނާގެ ޔަންގްޒޯއަކީ ގިނަ ކޯރުތަކާއި، ޕާކުތައް ހިމެނޭ ސިޓީއަކަށްވާއިރު، މިއީ ޓެކްނޮލޮޖީއާއި އިޤްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ސިޓީއެކެވެ. މިގޮތުން މި ސިޓީން މިހާތަނަށްވަނީ ޓެކްނޮލޮޖީއަށް ހާއްސަ ހަތަރު ސަރަހައްދެއްގައި ހަތެއް މިލިއަން ސްކެއަރ މީޓަރުގެ އިންޑަސްޓްރިއަލް އިމާރާތައް ބިނާކޮށްފައެވެ.
އަދި ހަމައެހެންމެ އެތަންތަނުގައި ތިންހާސް އެއްސަތޭކައަށްވުރެ ގިނަ ކުންފުނި އުފައްދައި ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ އެގާރަހާހަށްވުރެ ގިނަ މީހުނަށް ވަޒީފާގެ ފުރުސަތުތައްވެސް ވަނީ ފަހިކޮށްދީފައެވެ.