ޚަބަރު

ޖުޒާމު ބަލި ނައްތާލެވޭނީ ރައްޔިތުން ހޭލުންތެރިވެގެން- ޑަބްލިއު.އެޗް.އޯ


ރާއްޖެއަކީ ޖުޒާމު ބަލި ނެތް ޤައުމަކަށް ހެދުމަށްޓަކައި، ޖުޒާމު ބަލީގެ މިހާރުގެ ޙާލަތު ރައްޔިތުންނަށް އަންގައިދީ ހޭލުންތެރިކުރުން މުހިންމުކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ މަންދޫބު ޑރ. އަރްވިންދް މާތުރު ވިދާޅުވެއްޖެއެވެ.

ޑރ. އަރްވިންދު މާތުރު މިހެން ވިދާޅުވީ، ރާއްޖެއިން ޖުޒާމު ބަލި އެއްކޮށް ނައްތާލުމަށް ހަދާ މަގު ޗާޓު ތައްޔާރުކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުން ނިންމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަރްވިންދް މާތުރު ވިދާޅުވީ، ރާއްޖެއިން މީސަލްސް އާއި ރުބެއްލާ ނައްތާލުމުގައި ދުނިޔެއަށް މިސާލު ދައްކާފައިވާކަމަށެވެ. އެގޮތުން ރާއްޖެއިން މިހާރު އަމާޒުހިފާފައިވާ، ޖުޒާމު ބަލި އެއްކޮށް ނައްތާލުމުގެ އަމާޒަށް ވާޞީލުވުމަށް އަވަސް އަދި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ޑރ. އަރްވިންދް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް އައިއިރު ރާއްޖެއިން ޖުޒާމް ބަލި ކޮންޓްރޯލްކުރުމުގައި ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާ ޑރ. އަރްވިންދް ވިދާޅުވީ، ރާއްޖެއަކީ ޖުޒާމު ބަލި ނެތް ޤައުމަކަށް ހެދޭނީ، ޖުޒާންބަލީގެ މިހާރުގެ ޙާލަތު ރައްޔިތުންނަށް ސާފުކޮށްދީގެންކަމަށެވެ. އަދި މި މަސައްކަތް ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމުކޮށްފައިވާ، ސިއްޙީ އިދާރާތަކުން ގުޅިގެންކުރަންޖެހޭކަމަށެވެ.

"ދިވެހިރާއްޖެއިން ވަނީ ކޮމިއުނިކަބަލް ޑިސީސަސް ނައްތާލުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި. އެގޮތުން ވޭތުވެ ދިޔަ ތަނުގައި މިފަދަ 7 ބައްޔެއްގައު ރާއްޖެއިން ކުރި ހޯދާފައިވާއިރު، ޖުޒާން ބަލި ރާއްޖޭގައި ވާ މިންވަރު ގިނަ ބަޔަކަށް އިނގިފައެއް ނުވޭ. އަޅުގަނޑުމެން މި ބަލި ރާއްޖެއިން ފޮހެލަން ބޭނުންނަމަ ޖުޒާމު ބަލީގެ މިހާރުގެ ޙާލަތު ރައްޔިތުންނަށް ސާފުކޮށްދިނުން ވަރަށް މުހިންމު." ޑރ. އަރްވިންދް މާތުރު ވިދާޅުވިއެވެ.

ރާއްޖެއިން ޖުޒާމު ބަލި އެއްކޮށް ނައްތާލުމަށް ހަދާ މަގު ޗާޓު ތައްޔާރުކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްޙީ އިދާރާތަކުގައި މަސައްކަތްކުރާ 23 ފަރާތަކުންވަނީ ބައިވެރިވެފައެވެ.

މި މަސައްކަތު ބައްދަލުގެ ބައިވެރިންވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއިން ޖުޒާމް ބަލި އެއްކޮށް ނައްތާލާނެ މަގު ޗާޓެއް ވަނީ އެކުލަވާލާފައެވެ. މި މަގު ޗާޓުގެ ދަށުން، 2027 ވަނަ އަހަރު ރާއްޖޭގައި ޖުޒާމް ބަލީގެ ޙާލަތު ދެނެގަންނާނެ ދިރާސާތައް ހަދާ 2030 ވަނަ އަހަރު އަންނަންވާއިރަށް މި ބަލި އެއްކޮށް ނައްތާލުމަށްވަނީ ކަނޑައަޅާފައެވެ.