ތަޢުލީމު

ޢަރަބިއްޔާ ސްކޫލަށް ބޭނުންވާ ބައެއް މުދައްރިސުން މާލެ އަތުވެއްޖެ


ޢަރަބިއްޔާ ސްކޫލަށް ބޭނުންވާ ބައެއް މުދައްރިސުން މާލެ އަތުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ ސްކޫލަށް ބޭނުންވާ 11 މުދައްރިސަކު މިއަދު މެންދުރުފަހު މާލެ އައިސްފައިވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު އަބްދުއްރަޙީމް ވިދާޅުވީ މިއަދު އައި މުދައްރިސުންގެ އިތުރުން އަދި 4 މުދައްރިސުން މާދަމާގެ ވަގުތެއްގައި މާލެ އައުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މީގެ އިތުރުން ގެންނަ 3 މުދައްރިސެއްގެ ބައެއްކަންކަން ހަމަނުޖެހޭތީ އެ މުދައްރިސުން އަންނާނެ ވަކި ދުވަހެއް އަޒުހަރު ޔުނިވަރސިޓީން އަންގަފައިނުވާކަމަށްވެސް އޭނާ ވިދާޅުވުއެވެ.

ޢަރަބިއްޔާ ސްކޫލުގައި މިހާރުވެސް އަޒްހަރު ޔުނިވަރސިޓީގެ 4 މުދައްރިސަކު ކިޔަވައިދެއެވެ. އެ ސްކޫލުން ވަނީ އިތުރު 18 މުދައްރިސުންނަށް އެދިފައެވެ.

މިއަހަރުގެ ދިރާސީ އަހަރު ފެށުނުއިރު އަރަބިއްޔާ ސްކޫލަށް ދިމާވި އެންމެ ބޮޑު އެއްމައްސަލައަކީ ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަނުވުމުގެ މައްސަލައެވެ. މިއަހަރުގެ މިހާތަނަށް އައިއިރު އެ ސްކޫލުގައި ކިޔަވައިދެމުން އައީ ވަގުތީ ޓީޗަރުން ބޭނުންކޮށްގެންނެވެ.