ޚަބަރު

މީހުން ބަންދުކުރަން އެކަށީގެން ނުވާތީ މާލޭ ޖަލުގެ ބައެއް ބަންދުކޮށްފި


އިންސާނުން ބަންދުގައި ބައިތިއްބަން އެކަށީގެން ނުވާތީ މާލެ ޖަލުގެ އެނެކްސް 1 ގައި ތިބި ހުރިހާ ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރުމަށްފަހު އެ ތަން ބަންދުކޮށްފިއެވެ.

އެނެކްސް އެކެއް ބޭނުންކޮށްފައި ވަނީ މުސްކުޅިންނާއި، ދިގުމުއްދަތަށް ބޭސް ފަރުވާކުރާ ގައިިދީންނާއި ބެލެހެއްޓުމާއި ޚާއްސަ އެހީތެރިކަން ދީގެން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބޭތިއްވުމަށެވެ.

އެނެކްސް އެކެއް ބަންދު ކުރީ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އެތަން ބައްލަވާލެއްވުމަށް ފަހު އެއީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް މީހުން ބަންދު ކޮއްގެން ގެންގުޅެން އެކަށީގެންވާ ވަރުގެ ތަނެއް ނޫންކަމަށް ނިންމެވުމާ ގުޅިގެންނެވެ.

އެ ނިންމެވުމަށް ތާއީދު ކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ބަންދުކޮއްގެން މީހުން ގެންގުޅެން އެކަށީގެން ނުވާ ތަންތަން އެކަށީގެންވާ ތަންތަނަށް ހެދުމަށް ގޮވާލައްވާފައެވެ.

ޖަލު ބަލަހައްޓާ ކަރެކްޝަނުން ވިދާޅުވީ މާލޭ ޖަލުގެ އެނެކްސް އެކެއް ބަންދުކުރަން ނިންމީ އެޖަލުގެ ގޮޅިތައް ދަގަނޑު ކޮށިތަކެއްގެ ސިފައިގައި ފަރުމާ ކޮއްފާ ހުރުމާއި، ވައި ދައުރުވާނެ ގޮތެއް ނެތުމުން ގޮޅިތަކުގައި ހޫނުގަދަވުމުންނާއި ގޮޅިތަކުގެ ފާހާނާތައް ބާވެ، ހަލާކުވެފައި ހުރުމާއި، ވައި ބަންދުވެފައިވާ ތަނެއްގައި މީހުން ބަންދުކޮއްފައި ބޭތިއްބުމުން ހަމުގެ ބަލިތައް ޖެހޭ ގައިދީންގެ އަދަދު އިތުވާތީ ކަމަށެވެ.

ކަރެކްޝަނުން ވިދާޅުވީ މާލޭ ޖަލުގެ އެނެކްސް އެކެއް ދެން ބޭނުންކުރަން ފަށާނީ މީހުން ބަންދު ކުރުމުގައި އެހެން ގައުމުތަކުގައިވެސް ޖަލުތައް ފަރުމާ ކޮއްފައި ހުންނަ ގޮތަށް އެ އިމާރާތް ރަނގަޅު ފެންވަރަކަށް އެތަން އިމާރާތް ކުރުމަށްފަހު ކަމަށެވެ.

2003 ސެޕްޓެމްބަރު މަހު ހުޅުވި މާލޭ ޖަލުގެ އެނެކްސް އެކެއް ފުރަތަމަ ބޭނުން ކުރީ މާފުށީ ޖަލުން އެކިއެކި ކަންކަމުގައި މާލެއަށްގެނެވޭ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށާއި އަރުވާލުމަށް ހުކުމްކުރެވި ރަށަކަށް ބަދަލުކުރެވެންދެން ބަންދުކުރުމަށާއި، ގޭބަންދުކުރުމަށް ހުކުމްކުރެވޭ މީހުންގެ ތެރެއިން ހަވާލުވާނެ ފަރާތެއް ނެތް މީހުން ބަންދުކޮށްފައި ބޭތިއްބުމަށެވެ. އަދި 2006 ވަނަ އަހަރުން ފެށިގެން އެތަނުގައި އިތުރު ގޮޅިތަކެއް ހެދުމަށްފަހު ދިގުމުއްދަތަކަށް މީހުން ބަންދުކުރަން ވަނީ ފަށާފައެވެ.