ސިޔާސީ

ސީއެސްސީގެ މެމްބަރުން ހާޒިރުކުރަން ތާވަލްކުރި ކޮމެޓީ ބައްދަލުވުން ކެންސަލްވެއްޖެ


ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ބާއްވަން ނިންމި ބައްދަލުވުން ކެންސަލް ކޮށްފިއެވެ.

ސީއެސްސީގެ މެމްބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރު ކުރަން ނިންމީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތު ހަމަނުވާ މީހުން ނަގާ ކަމަށް ބުނެ ސުވާލު ކުރުމަށެވެ.

މިއަދު މެންދުރުފަހު 14:00 ގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް އެޖެންޑާކޮށް އެ ބައްދަލުވުމުގައި ސީއެސްސީގެ މެމްބަރުން ހާޒިރުކޮށް ސުވާލުކުރަން ނިންމި ނަމަވެސް ފަހު ވަގުތު އެ ބައްދަލުން ވަނީ ކެންސަލްކޮށްފައެވެ. ކޮމެޓީ ކެންސަލް ކުރި ސަބަބެއް މަޖިލީހުގެ އިދާރާއަކުން ހާމައެއްނުކުރެއެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި މި މައްސަލައަށް ތާއިދު ކުރެއްވީ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އެއާއެކު އަންގާރަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި ނުވަ މެމްބަރުން ވަނީ ސީއެސްސީގެ މެމްބަރުން ހާޒިރުކޮށް ސުވާލު ކުރުމަށް ނިންމާފައެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް އިލްމީ ގާބިލް މީހުންގެ ބަދަލުގައި ޝަރުތު ފުރިހަމަނުވާ މީހުން އައްޔަން ކުރާކަމަށް ރިޕޯޓްކުރީ މީޑިއާތަކުންނެވެ. ސީއެސްސީގައި ހިމެނެނީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނާއިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ފާތުމަތު އާމިރާ އާއި އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުޞައިންއެވެ.