ޚަބަރު

މާލޭގައި 4 މެގަވޯޓްގެ ސޯލާ ޕެނަލް ހަރުކުރަނީ


މާލޭގައި ހަތަރު މެގަ ވޯޓުގެ
ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފެށުމަށް ވަރަށް އަވަހަށް
އިއުލާންކުރައްވާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ތާރިޤް
އިބްރާޙީމް ވިދާޅުވެއްޖެއެވެ.



އަވިން ކަރަންޓު އުފައްދާ
ނިޒާމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން، މާލޭގައި
ހަތަރު މެގަ ވޯޓުގެ ސޯލަރ ޕެނެލް ހަރުކުރުމަށް މިމަހުގެ ފަހުކޮޅު ޓެންޑަރަށް
ހުޅުވާލޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މާލޭގެ އިތުރުން
އައްޑޫ ސިޓީގައި އެކެއް ޕޮއިންޓް ހައެއް މެގަ ވޯޓުގެ ކަރަންޓު އުފެއްދުމުގެ
މަޝްރޫޢުއް ހިންގުމަށްވެސް  މިނިސްޓްރީންދަނީ
ތައްޔާރުވަމުންނެވެ.



މިނިސްޓަރ
ތޯރިގް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކަރަންޓު އުފެއްދުމަށް ތެލަށް ބަރޯސާވާ
މިންވަރު ކުޑަކޮށް އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް ރާއްޖޭގައި ހަތަރު މެގަ ވޯޓުގެ ކަރަންޓް ސޯލަރ ޕެނަލް
ބޭނުންކޮށްގެން އުފައްދާފައިވާ ކަމަށާއި ކުރިއަށް އޮތް ހަތަރު އަހަރު ރާއްޖޭގެ
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގައި ބޭނުންކުރާ އެންމެ މަތީ
ކަރަންޓުގެ ތިރީސް އިންސައްތައަކީ އިޔާދަ ކުރަނިވި ހަކަތައިގެ ތެރެއިން އުފައްދާ
ކަރަންޓަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން
ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ދޭއް ޕޮއިންޓް ފަހެއް މެގަ ވޯޓުގެ ސޯލާރ ޕެނަލް
ހަރުކޮށްގެން ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ހިންގުމަށް މިނިސްޓްރީން ވަނީ
ނިންމާފައެވެ. މީގެ އިތުރުންވެސް ރާއްޖޭގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު
އުފެއްދުމަށް ބާރު އެޅުމުގެ ގޮތުން ރާއްޖެ އެތެރެކުރާ ރިނިއުބަލް ޕްރޮޑަކްޓްސް އިން
ޑިއުޓީ މައާފުކުރުމަށް ނިންމާފައިވާއިރު، އެ ސިޔާސަތަށް އަމަލުކުރަން ފެށިފަހުން
ތިރީސް މިލިއަން ރުފިޔާގެ ޑިއުޓީ މައާފްކޮށްދެއްވާފައިވާ ކަމަށް އެންވަޔަރަމަންޓް
މިނިސްޓްރީން މައުލޫމާތު ދެއެވެ. މީގެ އިތުރުންވެސް މާލެއާ އަތޮޅު ތެރޭގެ ބައެއް
ސަރަޙައްދުތަކުގައި ދަނީ އަވިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢު ހިންގަމުންނެވެ.