ސިޔާސީ

އިންތިޚާބެއްގެ އިންސާފުވެރިކަން ނުވަތަ ނޫންކަން ބިނާވަނީ ނަތީޖާއަކުން ނޫން - ޝަރީފް


އިންތިޚާބެއްގެ އިންސާފުވެރިކަން ނުވަތަ ނޫންކަން ބިނާވަނީ އެ އިންތިޚާބެއްގެ ނަތީޖާއިން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއެޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިޚާބު އިންސާފްވެރި ނޫން ކަމަށާއި އެއީ ތާކުންތާކު ނުޖެހޭ އިންތިޚާބެއް ކަމަށް އެ އިންތިހާބުން ނާކާމިޔާބުވި އިނގުރައިދޫ ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވުމާއި ގުޅިގެންނެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބެއްގެ އިންސާފުވެރިކަން ނުވަތަ ނޫންކަން ބިނާވަނީ އެ އިންތިޚާބެއްގަ ކާމިޔާބުވުން ނުވަތަ ކާމިޔާބު ނުވުމުގެ މައްޗަށް ނޫން ކަމަށެވެ.

"އިންތިޚާބެއްގެ އިންސާފުވެރިކަން ނުވަތަ ނޫންކަން ބިނާވަނީ އެ އިންތިޚާބެއްގަ ކާމިޔާބުވުން ނުވަތަ ނުވުމުގެ މައްޗަކަށް ނޫން." ޝަރީފް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބަކީ ވަރަށް ބޭއިންސާފު އިންތިޚާބެއް ކަމަށް ފަލާޙު ވިދާޅުވީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެދާއިރާއަށް ހޮވުނު ކެންޑިޑޭޓާއި އޭނާއާ ދެމެދު ހުރި ފަރަގް ކުޑަކަން ފަލާހް ފާހަގަ ކުރެއްވިއެވެ.

"މަޖިލިސް އިންތިޚާބަކީ ތާކުންތާކުޖެހޭ އިންތިޚާބެއް ނޫން. އަޅުގަނޑަށް ގުނާފައިއޮތް ވޯޓުގެ 49 ވޯޓް އޮތްއިރު، އަޅުގަނޑުމެން ދޭތެރޭގައި ފަރަގު އުޅެނީ 60 ހަކަށް ވޯޓް. ވޯޓުގެ ނަތީޖާ އަލުން ގުނައިދިނުމަށް އަޅުގަނޑު ތަކުރާރުކޮށް އެދުމުންވެސް އެކަން ވަނީ ނުކޮށްދީފައި." ފަލާހް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި އިނގުރައިދޫ ދާއިރާގެ ގޮނޑިއަށް ފަލާހު ވާދަ ކުރެއްވި ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އަޙްމަދާއި ވާދަކޮށް 89 ވޯޓުގެ ތަފާތުން ފަލާހު ވަނީ ބަލިވެފައެވެ. އެގޮތުން ފަލާހަށް 949 ވޯޓް ލިބުނުއިރު ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަޙްމަދު ވަނީ 1038 ވޯޓް ހޯއްދަވާފައެވެ.