ސިއްހަތު

ތިނަދޫ ރިހެބިލިޓޭޝަން ސެންޓަރ ހުޅުއްވައިދެއްވައިފި


ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ގދ.ތިނަދޫގައި ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމުގެ ވައުދު ފުއްދައި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފް މިއަދު އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިނިސްޓަރ ޝިދާތާ ތިނަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކުރުމުއްދަތެއްގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެތަނުގައި ވަރަށް ފުރިހަމައަށް ޤާއިމްކޮށްފައިވާކަމަށެވެ. އަދި މިއަދު އެތަނުގެ ޚިދުމަތް ފަށާފައިވާއިރު، ޚިދުމަތްދެވޭ ފަރާތްތަކުގެ ޢަދަދު މަދުވިނަމަވެސް މުޖުތަމައުގައި އެޚިދުމަތަށް ބޭނުންވެފައިވާ މީހުންގެ ޢަދަދަށް ބެލުމަށްފަހު އެކަށީގެންވާ ޢަދަދެއްގެ ބަޔަކަށް އެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

"މި ސެންޓަރުން ޑިޓޮކްސިފިކޭޝަން ޚިދުމަތާއި ކޮމިއުނިޓީ ފަރުވާ ދިނުމާއި މިފަދަ ޚިދުމަތްތައް މިއަދުން ފެށިގެން ކުރިއަށް ގެންދެވޭނެ. އެކަން ކުރުމަށްޓަކައި ގާއިމްކުރަން ޖެހޭ ހުރިހާ ވަސީލަތްތަކެއް މިވަނީ ގާއިމްކޮށް ނިމިފައި. އަދި ވަރަށް ފުރިހަމައަށް ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް މިވަނީ ކުރެވިފަ. ފުރަތަމަ މި ސެންޓަރު ހުޅުވިގެން މިދާއިރުގަ މިތަނުން ޚިދުމަތް ލިބޭ ފަރާތްތަކުގެ އަދަދު ކޮންމެވެސް ވަރަކަށް ލިމިޓް ވެދާނެ. އެހެން ނަމަވެސް މި މުޖްތަމައަށް އަޅާ ބަލާއިރު އެކަށީގެންވާ އަދަދަކަށް މިތަނުން ޚިދުމަތް ދެވިގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެތަނުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އަދި އިޖްތިމާޢީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޤާއިމްކުރަންޖެހޭ ޚިދުމަތްތައް އެތަނުގައިވެސް ގާއިމްކުރެވި، ތަރައްޤީ ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ތިނަދޫގައި ޑިޓޮކްސިފިކޭޝަން ސެންޓަރު މިއަދު ހުޅުވައި، ޚިދުމަތް ފަށާފައިވާއިރު، އެތަނުގައި 12 މީހުންނަށް ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ދިނުމުގެ ޖާގަ އެބަހުރިއެވެ. އަދި 36 މީހުންނަށް ކޮމިއުނިޓީ ފަރުވާ ދިނުމުގެ އިންތިޒާމު އެ ސެންޓަރުގައި ވަނީ ހަމަޖެހިފައެވެ.

މާލެއިން ބޭރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ވައުދުގެ ދަށުން އައްޑޫ ސިޓީއާއި ހދ.ހަނިމާދޫގައިވެސް މިހާރުވަނީ ޑިޓޮކްސިފިކޭޝަން ސެންޓަރު ޤާއިމުކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ގާއިމްކުރާ އެންމެ ބޮޑު ޑިޓޮކްސިފިކޭޝަން ސެންޓަރު އައްޑޫގައި ޤާއިމްކުރައްވާނެކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.