އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން މަދުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފަށައިފިއެވެ. މި ޕްރޮގްރާމް ފަށްޓަވައި ދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފއާޒް ޑރ.އަޙްމަދު ޒާހިރެވެ.
ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ވަނީ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައި ބިއްލޫރި ފުޅި ބޭނުން ކުރަން ފަށާފަައެވެ. މި ޕްރޮގްރާމް ރަސްމީކޮށް މިނިސްޓްރީގައި ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފއާޒް ޑރ.އަޙްމަދު ޒާހިރެވެ. މިނިސްޓްރީގައި މިޕްރޮގްރަމް ފެށުމާގުޅިގެން މިނިސްޓްރީގެ ދަށުންހިންގާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒާއި ފަތުވާ މަޖްލީހުގައިވެސް މިއަދުން ފެށިގެން ބޭނުންކުރާނީ ބިއްލޫރި ފުޅިކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ މިފަދަ ކަންކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަންކަންކަމަށެވެ. ތިމާވެއްޓައް ގެއްލުންވާ ވަރަށް ގިނަކަންކަމުން ރައްކާތެރިކުރުވުމަށް އިސްލާމްދީނުގައި އަންގަވާފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ އިސްރާފުކުރުން މަދުކުރުމަށް އިސްލާމްދީން ގޮވާލާކަމަށާއި އޭގެ ސަބަބުންވެސް ވެއްޓަށްކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުޑަކުރެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މިއީ މިނިސްޓްރީން ކުރިއަށްއެޅި ފިޔަވަޅެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ، ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރެވޭ އެންވަޔަރަމަންޓް ސަލާމަތްކުރެއްވުމަށްޓަކައި، އަޅުގަނޑުމެންގެ މާޙައުލުގެ ނާޒުކުކަން ޙިމަޔަތްކުރުމަށްޓަކާ ވަރަށްވ ބޮޑަށް މަސައްކަތްކުރޭ. އެގޮތުން މިނިސްޓްރީން ސަރުކާރަށްދޭ އެއްބާރުލުމެއްކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ." މިނިސްޓަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ކީރީތި ޤުރުއާނާބެހޭ މަރުކަޒުގެ މުވައްޒަފުންނަށްވަނީ ބިއްލޫރި ފެންފުޅި ހަދިޔާކޮށްފައެވެ. މި ބިއްލޫރި ފުޅިތައް މިނިސްޓްރީއަށް ހަދިޔާކޮށްފައިވަނީ ހެޔޮއެދޭ ފަރާތަކުންކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ ޚާއްސަ ކެމްޕެއިންގެދަށުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން އަންނަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްތިކްގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލަމުންނެވެ. އެގޮތުން ފެން ބުއިމަށް ގިނަ އޮފީސްތަކުގައި މިހާރު ބޭނުންކުރަމުން އަންނަނީ ބިއްލޫރި ފުޅިއެވެ.