ސިޔާސީ

ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމަށްވުރެ ކޯޓްތަކުގެ ވަސީލަތްތައް ތަރައްގީކުރުން މުހިންމު - ހުސްނުއްސުއޫދު


ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ނުފެންނަކަމަށާއި ކޯޓްތަކުގެ ވަސީލަތް ތަރައްގީކުރުން މާ މުހިންމު ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މާރާލަފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވީ ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކޮށް ދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލައާއި މެދު ގޮތެއް ނިންމުމުގެ ބާރު ނަވާރަވަނަ މަޖިލީހަށްދޭ ގޮތަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފައި ވަނިކޮށެވެ.

ދުވަހު ނޫސް ހަވީރު އޮންލައިންގައި ޝާއިއުކޮށްފައިވާ ޚަބަރަކާއެކު ސުއޫދު ކުރެއްވި ޓްވީޓެއްގައި ވަނީ ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރަން ފެނިވަޑައި ނުގަންނަވާ ކަމަށާއި ކޯޓްތަކުގެ ވަސީލަތްތައް ތަރައްގީކުރުން މާ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

"ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ނުފެނޭ. ކޯޓްތަކުގެ ވަސީލަތް ތަރައްގީކުރުން މާ މުހިންމު." ސުއޫދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރުންނަށް ދެމުން އަންނަ މުސާރައިގެ އޮނިގަނޑެއް ކަނޑައަޅައި އެކަމާ މެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ. އެގޮތުން ފަނޑިޔާރުންނަށް މިހާރުދޭ މުސާރައަކީ އެބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި މިހާރުގެ ދިރިއުޅުމުގެ ހަރަދުތަކާއި ހާލަތަށް ބަލާއިރު އެކަށީގެންވާ ވަރަށްވުރެ ކުޑަ އަދަދުތަކެއް ކަމަށް ޖޭއެސްސީގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތަކާއި ރައީސުލްޖުމްހޫރިއްޔާގެ މުސާރައާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މުސާރަ ކަނޑައަޅައި ،މަޖިލީހުން ފާސްކޮށްފައިވަނީ 28 ޑިސެމްބަރު 2010 ގައެވެ. އޭގެ ފަހުން މުސާރަ ރިވިއު ކޮށްފައެއް ނުވެއެވެ.