ވިޔަފާރި

ގެލެކްސީ ފޯލްޑް - ޕްރީ އޯޑަރއަށް ހުޅުވާލައިފި


ސެމްސަންގްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު، ގެލެކްސީ ފޯލްޑްއަށް ޕްރީ އޯޑަރކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސެމްސަންގުން މިދިޔަ ފެބްރުއަރީމަހު ލޯންޗުކުރި ގެލެކްސީ ފޯލްޑް ފޯނަށް ޕްރީ އޯޑަރކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިފޯނު އާއްމު ގަންނަން ލިބޭނީ މިމަހުގެ 26 ވަނަ ދުވަހުގެ ފަހުންނެވެ. އެމެރިކާގެ ބައެއް ކުންފުނިތަކުން ގެލެކްސީ ފޯލްޑްގެ ޕްރީ އޯޑަރއަށް ހުޅުވާލާފައިވާއިރު، ފަތްޖަހާލެވޭ ގޮތަށް ތަރައްޤީކޮށްފައިވާ މިފޯނުގެ އަގު އުޅެނީ އެއް ހާސް ނުވަ ސަތޭކަ އަށްޑިހަ ޑޮލަރުގައެވެ.

ގެލެކްސީ ފޯލްޑްއަކީ އޭގެ އަސްލު ބައްޓަމުގައި 4.6 އިންޗީގެ ސްކްރީނެއް ހުންނަ ފޯނެއްނަމަވެސް، ފޮތެއްހެން ހުޅުވާލެވޭ މިފޯނު ހުޅުވާލުމުން 7.3 އިންޗިއަށް ސްކްރީން ބޮޑުވެގެންދެއެވެ.

މިފޯނަކީ ބޮޑެތި ސްކްރީންތައް ހިމެނޭ ސްމާޓްފޯނު ގެންގުޅެން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑަށް ކަމުދާނެ ފޯނެއްކަމަށް ސެމްސަންގުން ބުނެއެވެ. ބޮޑު ސްކްރީނެއް މިފޯނުގައި ހުންނައިރު، އެއް ފަހަރާ ގިނަ ކަންތައްތަކެއްވެސް މިފޯނުން ކުރެވޭނެއެވެ. މިސާލަކަށް ނެޓްފިލިކްސްއިން ފިލްމެއް ބަލާލަމުން، ގޫގުލްއިން އެއްޗެއް ސާރޗްކުރަމުން، ރަށްޓެއްސަކަށް މެސެޖެއްކޮށްލުމަކީ މިފޯނުން ވަރަށް ފަސޭޙަކަމެކެވެ.

ސެމްސަންގުން ތަރައްޤީކޮށްފައިވާ ގެލެކްސީ ފޯލްޑް ހަތަރު ކުލައެއްގައި ލިބެން ހުންނާނެއެވެ. އެއީ ކަޅު، ނޫ، ފެހި އަދި ސިލްވަރ ކުލައެވެ. މިފޯނުގެ 4ޖީ އަދި 5ޖީ މޮޑެލްވެސް ވަނީ ތަރައްޤީކޮށްފައެވެ.

ސެމްސަންގުން ފަތްޖަހާލެވޭ ފޯނެއް ތަރައްޤީކޮށްފައިވާއިރު ސްމާޓް ފޯނު ވިޔަފާރީގައި ހަރަކާތްތެރިވާ އެހެން ކުންފުނިތަކުންވެސް ދަނީ ފަތްޖަހާލެވޭ ފޯނުތައް ތަރައްޤީކުރަމުންނެވެ.