ސިޔާސީ

ފަނޑިޔާރުންގެ މުސާރައަށް ގޮތެއް ނިންމުމުގެ ބާރު އައު މަޖިލީހަށް


ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައާއިމެދު ގޮތެއް ނިންމުމުގެ ބާރު އަލަށް ހުވައިކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ބާރު ނަވާރަވަނަ މަޖިލީހަށްދޭ ގޮތަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފައި ވަނީ އެކޮމެޓީއަށް ހާޒިރުވެ ވަޑައިގަތް އަށް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރުންނަށް ދެމުން އަންނަ މުސާރައިގެ އޮނިގަނޑެއް ކަނޑައަޅައި އެކަމާ މެދު ގޮތެއް ނިންމުމަށް ކޮމިޓީ އަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައިވަނީ ފަނޑިޔާރުންނަށް މިހާރު ދޭ މުސާރައަކީ އެބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި މިހާރުގެ ދިރިއުޅުމުގެ ހަރަދުތަކާއި ހާލަތަށް ބަލާއިރު އެކަށީގެންވާ ވަރަށްވުރެ ކުޑަ އަދަދުތަކެއް ކަމަށް ބުނެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލިއްޔަތު ކޮމިޓީގައި ހިމެނޭ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރުމަށް އެދި މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައާއި ބެހޭގޮތުން އެ ކޮމިޓީގައި ބަހުސް ކުރުމަށްފަހު، ޕޭ ކޮމިޝަނާއި ގުޅިގެން އެކަން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރުމާމެދު ގޮތެއް ނިންމުމުގެ ބާރު 19 ވަނަ ރައްޔިތުންގެ މަޖިލީހަށްދޭ ގޮތަށް ކޮމިޓީން ފާސްކޮށްފައިވާ ކަމަށާއި އެގޮތަށް ނިންމީ މިހާރު އޮތް މަޖިލީހުގެ ދައުރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވާތީ ކަމަށެވެ.

ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތަކާއި ރައީސުލްޖުމްހޫރިއްޔާގެ މުސާރައާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މުސާރަ ކަނޑައަޅައި ،މަޖިލީހުން ފާސްކޮށްފައިވަނީ 28 ޑިސެމްބަރު 2010 ގައެވެ.. އޭގެ ފަހުން މުސާރަ ރިވިއު ކޮށްފައެއް ނުވެއެވެ.