ސިޔާސީ

ރައީސް ޞާލިޙާއި މައުމޫން ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ބައްދަލުކުރައްވާ ކޯލިޝަންގުޅުން އިތުރަށް ބަދަހިކުރުމަށް ދެބޭފުޅުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސް މަޢުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙާއި އެކު ބޭއްވެވި ބައްދަލުވުމުގައި ކޯލިޝަންގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި، ކޯލިޝަނުން އެއްބަސްވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. ބައްދަލުވުމާއި ގުޅޭ އިތުރު ތަފްޞީލެއް ރައީސް މަޢުމޫންވެސް އަދި ރައީސް އޮފީހަކުންވެސް ހާމައެއް ނުކުރައްވައެވެ.

ރައީސް ޞާލިޙައި، މައުމޫން ބައްދަލުކުރައްވާފައި މިވަނީ ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުން ނުބާއްވާތާ ގިނަދުވަސްތަކެއް ފަހުންނެވެ. މިހާތަނަށް ދެ ބައްދަލުވުމެއް ބާއްވާފައިވާއިރު، ކޮންމެ މަހަކު އެއް ބައްދަލުވުން ބޭއްވުމަށް ހުސްވި އަހަރުގެ ނޮވެމްބަރު މަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައި ހަތަރު ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ރައީސް ޞާލިޙާއި މައުމޫންގެ އިތުތުން އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވާ ކޯލިޝަންގެ ބައްދަލުވުމެއް މިއަހަރު ފެށުނު ފަހުންވެސް ބާއްވާފައެއްނުވެއެވެ. އެކަމާ ގުޅޭގޮތުން އެއްވެސް ލީޑަރަކު ވަކި އެއްޗެއް ހާމަކޮށްފައެއްވެސްނުވެ އެވެ. އަދި ލީޑަރުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުންވެސް އެކަމާއި ގުޅޭގޮތުން ވާހަކަދައްކާވަފައެއްނުވެއެވެ.