ސިޔާސީ

މިއަދުވެސް 30 އޮޑިޓް ރިޕޯޓެއް މަޖިލީހުން ފާސްކޮށްފި


މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި 101 އޮޑިޓް ރިޕޯޓްގެ ތެރެއިން 30 ރިޕޯޓެއް މިއަދުވެސް މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީވެސް ހަމައެކަނި އޮޑިޓް ރިޕޯޓްތައް ފާސްކުރުމެވެ. އިތުރު އެއްވެސް ބިލެއްގެ މަސައްކަތް އެޖެންޑާކޮށްފައިނުވާއިރު، މިއަދުގެ ޖަލްސާގައި ވަނީ ވަކިވަކިން އޮޑިޓް ރިޕޯޓްތަކަށް ވޯޓަށް އަހާފައެވެ. އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައިވެސް 32 އޮޑިޓް ރިޕޯޓެއް ވަނީ ފާސްކޮށްފައެވެ. އަދި މާދަމާގެ ޖަލްސާއަށްވެސް ވަނީ 29 އޮޑިޓް ރިޕޯޓެއް ފާސްކުރުމަށް އެޖެންޑާކޮށްފައެވެ.

ގިނަ އަހަރުތަކެއަވަންދެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތަޅުމަށް ހުށަނާޅަ ބެހެއްޓުމަށްފަހު ކުއްލިގޮތަކަށް އެ ރިޕޯޓްތައް ފާސްކުރުމަށް އެޖެންޑާ ކުރުމުން މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމާއި ގުޅިގެން މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު ވިދާޅުވީ، ގިނަ އަހަރުތަކެއްވެފައިވާ އޮޑިޓް ރިޕޯޓްތައް ތަޅުމަށް ހުށަހެޅުއްވީ ކޮމިޓީގައި ފުނިޖެހިފައިވާ މަސައްކަތްތައް ނިންމާލުމަށްކަމަށެވެ. އަދި އެއީ އެމަނިކުފާނު ކޮމިޓީގެ މުޤައްރިރަކަށް ވަޑައިގަތުމުގެ ކުރިން ހުށަހަޅުއްވާފައިވާ ރިޕޯޓްތަކެއްކަން ފާހަގަކުރައްވާ ނާޝިދު ވިދާޅުވީ، އެއްވެސް އޮޑިޓް ރިޕޯޓެއްގައި މައްސަލައެއް ނުހުންނާނެކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތި ޖަލްސާތައް ނުބާވާ ދުވަސްތަކެއްފަހުން މިހަފްތާގައި ކުރިއަށްދާ ޖަލްސާތަކުގައި އޮޑިޓް ރިޕޯޓްތައް ފާސްކޮށްފައިވާއިރު، އިއްޔެގެ ޖަލްސާއަށް ސަރުކާރުން 12 ބިލެއްވެސް ހުށައަޅަފައިވެއެވެ.

މަޖިލީހުގެ ޖަލްސާއަށް މިމަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްފަހު އަންނަ މަހު މަޖިލިސް އެއްމަހުގެ ޗުއްޓީއަކަށް ދާނެއެވެ. މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާއިރު ފަށާނީ 19ވަނަ މަޖިލިސް މެންބަރުންނާއި އެކުގައެވެ.