ދީން

ފަތުރުވެރިންނަށް ކަމޭހިތާ ހިތްހެޔޮ ވުމަށް އެދިވަޑައިގެންފި


ރާއްޖޭގެ ކޮންމެ ފަރުދަކު ރާއްޖެއަންނަ ކޮންމެ ފަތުރުވެރިއަކަށް ކުރާ ހަދިޔާއަކީ ޝަހާދަތުގެ ދެކަލިމަކަމުގައި ހެދުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ހުޞައިން ޔީ ރާއްޖޭގެ ރައްޔިތުންނާ ޚައްޞަކޮށް ޒުވާނުންގެ ކިބައިން އެދިވަޑައިގެންފިއެވެ.ޝައިޚް ހުޞައިން ޔީ މިކަމަށް އެދިވަދައިގަތީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވަމުންދާ ސިލްސިލާ ޕްރޮގްރާމް ދަ މެސެޖްގެ ތެރޭން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ތަޤްރީރު ކުރައްވަމުންނެވެ.ޝައިޚް ވިދާޅުވީ ގިނަމީހުން ރާއްޖެ ދަންނަނީ ރާއްޖޭގެ ރަށްތަކަށް ލިބިފައިވާ ގުދުރަތީ ރީތިކަމުގެ ސަބަބުންކަމަށާ ނަމަވެސް ހަޤީޤީ ރީތިކަމަކީ  އެތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ނަފްޞުގެ ސާފްކަމާ ރީތިކަންކަންކަމަށެވެ. އެހެންކަމުން ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަމޭހިތުމަށާ އެމީހުންނާ ހިތްހެޔޮކަމާއެކު މުއާމަލާތްކުރުމާއި، އިސްލާމްދީނުގެ ރިވެތި އަޚްލާޤާއި ދީނުގެ ރީތިކަން ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންނަށް ފެންނާނެހެން އަމަލުތައް ބެހެއްޓުމަށް ޝައިޚް އެދިވަޑައިގެންނެވިއެވެ. އަދި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށްފަހު އެނބުރި ޤައުމަށްދާއިރު މިހާރު ގެންދާ ހަނދާނީ ހަދިޔާތަކުގެ ބަދަލުގައި އެމީހުން ރާއްޖެއިންގެންދާ ހަދިޔާއަކީ އިސްލާމްދީނުގެ މަތިވެރި ނޫރުކަމުގައި ހެދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ.ކާމިޔާބު ޒުވާނަކަށް ނުވަތަ މީހަކަށް ވެވޭނެ ގޮތާބެހޭގޮތުން ކުރެއްވި މި ތަޤްރީރުގައި ޝައިޚް ވިދާޅުވީ  ކާމިޔާބު މީހަކީ ފައިސާއާ މުދަލާ މަޝްހޫރުކަން ލިބިގެންވާ މީހާ ނޫންކަމަށާ އޭގެ ބަދަލުގައި އެއީ މުއުމިނަކަށް ވުމުގެ ނަޞީބު ލިބިގެންވާ މީހާކަމަށެވެ. މީގެ އިތުރުން އެމީހެއްގެ ހިތާ، ހަށިގަނޑާ ރޫހް ފަސާދަނުވާ މީހާކަމަށާ، ނަމަވެސް މިއަދުގެ ޒުވާނުން އެމީހުންގެ ނަފްސް ފަސާދަވާފަދަ ކަންކަމުގައި ޚާއްޞަކޮށް އިންޓަނެތްފަދަ ވަޞީލަތްތަކުގެ ތެރޭގައި ފައިދާއެއް ނެތްގޮތުގައި ވަގުތު ބޭކާރުކުރަމުންދާކަން ޝައިޚް ފާހަގަކުރެއްވިއެވެ. ކާމިޔާބު މީހަކަށް ވުމަށް އެމީހަކީ ﷲ އަށް އީމާންވެ އެކަލާންގެއާ އޮންނަ ގުޅުން ރަނގަޅުކުރަންޖެހޭކަމަށާ، މިކަންކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ނަމާދު ޤާއިމުކުރުންކަމަށް ޝެއިޚްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޝައިޚްގެ ވާހަކަފުޅުގައި، އިސްލާމްދީނުގެ ދައުވަތު އެހެންމީހުންނަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ތިމާގެ މަސައްކަތުން އެހެން މީހަކު އިސްލާމްދީން ޤަބޫލުކޮށްފިނަމަ އެކަން ފަހިކޮށްދިން މީހަކަށް  ލިބޭނެ ޘަވާބާ ދަރުމައިގެ މަތިވެރިކަން ފާހަގަކުރެއްވިއެވެ."ދަ މެސެޖް"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ކުރިޔަށްގެންދާ ސިލްސިލާ ދަރުސްތަކުގެ ތެރޭން ބޭއްވުނު މިދަރުސްގައި ވަނީ ދެން އޮންނަ މިސިލްސިލާގެ ދަރުސްގައި ތަޤްރީރު ކުރައްވާނެ ދީނީ އިލްމުވެރިޔާގެ ވީޑިޔީ ޕްރެޒެންޓޭޝަނެއް ހުށައަޅައިދީފައެވެ. މިގޮތުން  ދެން އޮންނަ ދަރުސްގައި ތަޤްރީރުކުރައްވަން ހަމަޖެހިފައިވަނީ ޝައިޚް ފާއިދު މުހައްމަދު ސާޢިދު އެވެ. މި ވީޑިޔޯ ޕްރެޒެންޓޭޝަން މެދުވެރިކޮށް ޝައިޚް ފާއިދުވަނީ ޝެއިޚްގެ މިދަރުސްއަށް ވީހާވެސް ގިނަ ދިވެހި ރައްޔިތުން ވަޑައިގެންނެވުމަށް އެދިވަޑައިގެން ވީޑިޔޯ މެސެޖެއްވެސް ދެއްވާފައެވެ.