ވިޔަފާރި

ދަނޑުވެރިކަމުގެ ޙާލަތު ދެނެގަތުމަށް ދިރާސާއެއް ފަށައިފި


ރާއްޖޭގެ ދަނޑުވެރިކަމުގެ ޙާލަތު ދެނެގަތުމަށްޓަކައި ދިރާސާއެއްކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެން.ބީ.އެސް ގުޅިގެން ކުރިއަށްގެންދާ މި ދިރާސާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި ދަނޑުވެރިކަމާއި ބެހޭ އެކި ކަންކަން ހަރުދަނާކުރުމަށްޓަކައި ތަފާސްހިސާބުގެ ނިޒާމެއް އެކުލަވާލުމުގެ ބޭނުމުގައި ކުރިއަށްގެންދާ ދިރާސާއެކެވެ.

ފިޝަރިސް މިނިސްޓްރީން ބުނީ މި ދިރާސާގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ހާލާތު ދެނެގަނެވި ދަނޑުވެރިކަމާއި ގުޅޭ ޤައުމީ ސިޔާސަތުތައް އެކުލަވާލުމުގައި ފަސޭހަވެގެންދާނެކަމަށެވެ.

ރާއްޖޭގެ 11 ރަށެއްގައި މި ދިރާސާ ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، މި ރަށްތަށް ހޮވާފައިވަނީ ތަފާތު ވައްތަރުގެ ދަނޑުވެރިކަން ކުރާ ރަށްތަކަށް ބެލުމަށްފަހުގައިކަމަށް މިނިސްޓްރީން ބުނެއެވެ.
މި ދިރާސާ ކުރިއަށްދާނީ މި މަހުގެ 12 އިން އަންނަ މެއި މަހުގެ 4 ގެ ނިޔަލަށެވެ. މިއީ ދަނޑުވެރިކަމާއި ގުޅޭގޮތުން ރާއްޖޭގައި މިގޮތަށް ކުރިއަށްގެންދާ ފުރަތަމަ ދިރާސާއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްޓަކައި ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާއިރު އެސްއެމްއީ ލޯނުގެ ދަށުން ދަނޑުވެރިންނަށް ލޯނު ނެގުމުގެ ފުރުސަތުވެސް ސަރުކާރުން މިހާރު ވަނީ ހުޅުވާލާފައެވެ. މިއާއެކު ދަނޑުވެރިންނަށް މަސައްކަތުގައި ލުއިފަސޭހަވެ ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.