ވިޔަފާރި

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް އަނެއްކާވެސް ދޫކުރަނީ


ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް ދޫކުރުމަށް ސަރުކާރުން އަނެއްކާވެސް ނިންމައިފިއެވެ.

މިއީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން އާލާކުރުމުގެ ގޮތުން ދިގު މުއްދަތުގައި އަގު އަދާކުރާގޮތަށް، މި ބާވަތުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރިސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މި ޕްރޮގްރާމު ކުރިއަށްގެންދާ ތިން ވަނަ ފަހަރެވެ.

މިނިސްޓްރީން ބުނީ މިކަމަށް ބޭނުންވާ އާލާތްތައް ބެލުމަށް ބޭނުންވާ މީހުނަށް ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ ފެޑް ސެންޓަރުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 މި އާލާތްތައް ފެންނަން ހުންނާނެކަމަށެވެ.

ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތްތައް ބޭނުންވާ މީހުނަށް އަންނަ ޖޫން މަހުގެ 16 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ

ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތްތައް ދިގުމުއްދަތަށް އަގުއަދާކުރާގޮތަށް އެދި ހުށަހަޅާ މި ބާވަތުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް ދިގުމުއްދަތުގައި އަގުއަދާކުރާގޮތަށް ދޫކުރުމުގެ އުޞޫލާއި ކަމާއި ގުޅޭ އެންމެހާ މައުލޫމާތުތައް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ރިސެޕްޝަން މެދުވެރިކޮށް ލިބުމުގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރުމަށް ބޭނުންވާ އާލާތްތައް ހިމެނޭ 10 ސެޓެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތަކެތި ދޫކުރުމަށް ހަމަޖެހިފައިވަނީ 5 އަހަރަށް ބަހާލައިގެން އަގު އަދާކުރާގޮތަށެވެ. މަހުން މަހަށް ފައިސާ ދައްކާ އުސޫލުން ފޯރުކޮށްދޭ މި ސެޓުތަކުގެ އަގު 249،000 ރުފިޔާއަށް އަރައެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މަންފާކުރާނެ ވިޔަފާރިއެއްކަމަށާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ތުތި ބޯވަދިލަމަހަށް ރަނގަޅު އަގެއް ލިބޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިގޮތުން މިއީ ޖަޕާނުފަދަ ބާޒާރުތަކަށް ވަރަށް އަގުބޮޑުކޮށް ވިކޭ ބާވަތެކެވެ. ބޯވަދިލަމަހަކީ ޖަޕާންގެ މަޝްހޫރު ކެއުމެއްކަމަށްވާ ސުޝީ އާއި ސަޝިމީ ހެދުމަށް އެންމެ ރަނގަޅު ބާވަތަށްވުމާއެކު، މި ބާވަތުގެ ބޯދަދިލަމަސް ކިލޯއެއް ގާތްގަނޑަކަށް 30 އެމެރިކާ ޑޮލަރަށް ޖަޕާނު މާކެޓަށް ވިއްކާލެވެއެވެ.

އާދައިގެ މަސްމަހާއި ޚިލާފަށް ބޯވަދިލަމަހަކީ ގިނަދުވަސް ވާވަރަކަށް މަހުގެ ކޮލެޓީ އިތުރުވާ މަހުގެ ބާވަތެއްކަމުން، އެހެން މަސްމަހަށްވުރެ ބޯވަދިލަމަހުން ލިބޭ ނަފާ އިތުރުވެގެންދާނެއެވެ.

ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ރާއްޖެއަށް ތަޢާރަފްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.