ސިއްހަތު

މޯލްޑިވްސް ހެލްތް ރިސާރޗް ބުލެޓިންގެ 6ވަނަ ޢަދަދު ނެރެފި


މޯލްޑިވްސް ހެލްތް ރިސަރޗް ބުލެޓިންގެ 6 ވަނަ ޢަދަދު އިފްތިތާހް ކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބްލެޓިން އިފްތިތާހް ކޮށްދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންއެވެ. މި ބްލެޓިންއަކީ ހެލްތް މިނިސްޓްރީގެ ފަރާތުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން އާއްމު ކުރަމުން އަންނަ ބުލެޓިންއެކެވެ. މިގޮތުން މިއަހަރުގެ ރިސަރޗް ބަލެޓިންއަކީ ޤައުމީ ފެންވަރެއްގައި އިފްތިތާޙް ކުރި މިފަދަ 6 ވަނަ ހެލްތް ރިސަރޗް ބްލެޓިންއެވެ.

މި ބްލެޓިންގައި ހިމެނިފައިވާ ބައިތަކުގެ ތެރޭގައި ސިއްހީ ދާއިރާއާއި ގުޅުންހުރި ދިރާސާތަކުގެ އެބްސްޓްރެކްޓްއާއި ރާއްޖޭގައި ސިއްޙީ ދިރާސާއެއް ކުރުމަށް ހުއްދަދިނުމަށް އެކުލަވާލާފައިވާ ނެޝަނަލް ހެލްތް ރިސަރޗް ކޮމިޓީއާއި ބެހޭ މަޢުލޫމާތާއި ސިއްޙީދިރާސަތައް ކުރުމަށް އިސްކަންދޭ ދާއިރާތަކުގެ މައުލޫމާތު ހިމާނާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ސިއްހީ ދާއިރާއާއި ގުޅުންހުރި ދިރާސާތަކުގެ ޚުލާސާގެ ތެރޭގައި މާލޭގައި ކިޔަވަމުންދާ ސާނަވީ ފެންވަރުގެ ސްކޫލް ކުދިންގެ މެދުގައި ދުފުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން މަޢުލޫމާތު ހުރި މިންވަރާއި ބޭނުންކުރާ ގޮތް ވަނީ ހިމަނާފައެވެ. އަދި އަލަށް ވަޒީފާއަށް ނުކުންނަ ނަރުހުންގެ ފުރަތަމަ އަހަރުގެ ތަޖުރިބާއާއި އައިޖީއެމްއެޗްގެ އައިސީޔޫގައި މެޝިނުގެ އެހީގައި ނޭވާލައްވާ ބަލިމީހުންގެ ފަރުވާ ދިގުދެމިގެން ދިޔުމަށް މެދުވެރިވާ ސަބަބުތައްފަދަ މުހިންމު މަޢުލޫމާތު ވަނީ މި ބްލެޓިންގައި ހިމަނާފައެވެ. މި ބްލެޓިންގެ ސަބަބުން މަތީތަޢުލީމު ޙާސިލްކުރާ ފަރާތްތަކާއި އަމިއްލަ ދިރާސާކުޜާ މީހުންނަށް އިތުރު ހިތްވަރެއްލިބި ދިރާސާ ކުރުމަށް ފަސޭހަވެގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. ‏

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ސިއްޙީ ދާއިރާގެ ރިސަރޗކުރުމުގެ ދާއިރާ މިހާރަށްވުރެ ފުޅާކުރުމަށް ކަމަށެވެ. އެގޮތުން ރިސަރޗްކުރުމަށް ކުރާ ހޭދަ އިތުރުކުރުމަށާއި އުސޫލްތައް ހަރުދަނާކޮށް އެކަމަށް މަގުފަހިވާނެ އެހެނިހެން ކަންކަން މިނިސްޓްރީގެ ސިޔާސަތުގެ ތެރޭގައި ހިމެނުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ދިވެހިން ސިއްޙީދާއިރާގެ ރިސަރޗްގެ ފަންނަށް އިތުރަށް ޝައުޤުވެރިކުރުވުމުގެ މުހިންމު ކަންވެސް ފާހަގަކުރައްވާފައެވެ.

"ރާއްޖޭގައި ސިއްޙީ ދާއިރާ ފުޅާވެ ކުރިއެރުމަށް މަގުފަހިވެގެންދާ ހިނދު ސިއްޙީދާއިރާގެ ވަރަށް ގިނަ މަޢުލޫމާތުތައް ޖަމާވެފަ އެބަހުރި. އަދި މިދާއިރާގެ އައު ތަޖުރިބާތައްވެސް ކުރެވެމުންދޭ. އަދި އާ ވިސްނުންތައްވެސް ބޭނުންވޭ. ޢިލްމީ ގޮތުން ކުރިއެރުން ހޯދާއިރު ސިއްހީދާއިރާގެ ރިސަރޗްތައް ރަނގަޅަށް ހެދުމަކީ މުހިއްމުކަމެއް."އަމީން ވިދާޅުވިއެވެ.

ހެލްތް ރިސަރޗް ބުލެޓިން އަކީ ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅުން ހުރި ދިރާސާތަކުގެ މަޢުލޫމާތު ފަސޭހަކަމާއެކު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް 2014 ވަނަ އަހަރުންފެށިގެން ނެރެމުން އަންނަ ބުލެޓިންއެކެވެ. އަދި މިއީ މިފަދަ ދިރާސާތައް ކުރާފަރާތްތަކުގެ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ރާއްޖޭގެ ސިއްޙީދާއިރާގެ ދިރާސާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ނެރެމުން އަންނަ ބްލެޓިންއެއް ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރު ނޭޝަނަލް ހެލްތް ރިސާރޗް ކޮމިޓީއަށް ހުށައެޅި ސިއްޙީ ދިރާސާއަށް ހުއްދައަށް އެދުމަށް ހުށައެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން 36 ޕްރޮޕޯސަލެއް އެޕްރޫވް ކޮށްފައިވާކަކަމަށްވެސް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.