ދުނިޔެ

އެމެރިކާގެ ރިޔާސީ ރޭހަށް އަނެއްކާވެސް ހީލަރީ ކްލިންޓަން


2016 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރެއްވާނެ ކަން އެގައުމުގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން މާދަމާގެ ވަގުތެއްގައި އިއުލާނުކުރައްވާނެ ކަމުގެ ޚަބަރު ލިބިއްޖެއެވެ.އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމުގެ ގޮތުން އެކި އެކި ހަފްލާތަކުގައި ބައިވެރިވަޑައިގެން ތާއީދު ހޯއްދަވަމުން ގެންދަވާ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.ހިލަރީ ކްލިންޓަން ވަނީ އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ޚާރިޖީ ވަޒީރުކަން ކުރައްވާފައެވެ. އަދި އޭގެ ކުރިން އެކަމަނާ ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓްގައި ނިއު ޔޯކް ސްޓޭޓް ވިދިވިދިގެން 8 އަހަރު ތަމްސީލުކުރައްވާފައެވެ.2008 ވަނަ އަހަރު އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމެރީގައި ހިލަރީ ކްލިންޓަންގެ މައްޗަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އޮބާމާ ކުރި ހޯއްދެވިއެވެ.