ޚަބަރު

ހުޅުމާލޭގައި އަލިފާންރޯވި ސަރަހައްދުން އަރާ ދުމަށް ސަމާލުވޭ - އެންޑީއެމްއޭ


ހުޅުމާލެ ސެންޓްރަލް ޕާކާއި ފެރީ ޓާމިނަލާ ދެމެދު އޮންނަ ހުސްބިމުގައި އަލިފާންރޯވި ސަރަހައްދުން އަރާ ދުމަށް ސަމާލުވެ، ސަލާމަތީ ފިޔަވަޅު އެޅުމަށް އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭގެ ޗީފް އެކްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ހުޅުމާލޭގައި ރޯވި އަލިފާންގަނޑުގެ ސަބަބުން އެ ސަރަހައްދުގައި މިހާރުވެސް ދުން ބޯވެފައިވާކަމަށާ، ދުމުގެ ސަބަބުން އެސަރަހައްދުގައި ހުރި ގޭބިސީތަކަށް ދުންވަންނަ ކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. އެހެންކަމުން، ދުމުން ކުރާ އަސަރު ކުޑަކުރުމަށް ސަލާމަތީ ފިޔަވަޅުތަށް އެޅުމަށް ހިސާން އިލްތިމާސްކުރެއްވިއެެވެ.

"މި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފުން މަސައްކަތްކުރަމުންދާއިރު، އެންޑީއެމްއޭ، ރެޑްކްރެސެންޓް ފަދަ ފަރާތްތަކުން މި ސަރަހައްދުގައި ފަސްޓް ރެސްޕޮންޑަރުންގެ ގޮތުގައި ހަރަކާތްތެރިވަމުންދޭ. އަޅުގަނޑުމެންގެ މި ދަނޑިވަޅުގައި މި ސަރަހައްދަށް ރައްޔިތުން އެއްވުމުގެ ބަދަލުގައި ސަރަހައްދާ ދުރަށް ދިއުމަށް ގޮވާލަން. އަދި ގޭގޭގެ ކުޑަދޮރުތަށް ރަނގަޅަށް ލައްޕާ ފޭސް މާސްކް ބޭނުންކުރުމަށްވެސް އިލްތިމާސްކުރަން." ހިސާން ހަސަން އިލްތިމާސްކުރެއްވިއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަލިފާންރޯވި ސަރަހައްދުގައި ހަރަކާތްތެރިވަމުންދެއެވެ. މި އަލިފާންގަނޑު ރޯވީ އެސަރަހައްދުގައި ހުރި ވިނަތަކާއި ގިނަ ދުވަސްވެފައިވާ ފިލާތަކެއްގައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވާކަމަށެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަޙްގީގުކުރައްވަމުންނެވެ.