ކުޅިވަރު

16 އަހަރުން ދަށުގެ 5ވަނަ މެޗު، އިރުޝާދިއްޔާ ސްކޫލާއި ހިތަދޫ ސްކޫލް އެއްވަރުކޮށްފި


މަމެން އައްޑޫ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގެ 16ގައި ހިތަދޫ ސްކޫލާއި އިރުޝާދިއްޔާ މެޗް އެއްވަރުވެއްޖެއެވެ.

ހިތަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލް ވާދަކުރި މިމެޗުން އެއްވަރުވެފައިވަނީ 3 ލަނޑު 3 ލަނޑުންނެވެ. އިއްޔަ ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ހިތަދޫ ސްކޫލްއިންވަނީ 3 ލަނޑު ޖަހާ ލީޑް ނަގާފައެވެ. މި މެޗްގެ ފުރަތަމަ ހާފްގެ 7ވަނަ މިނެޓުގައި ހިތަދޫ ސްކޫލުގެ ފުރަތަމަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ޒައިން ހަނީފެވެ. އަދި މެޗުގެ ދެވަނަ ލަނޑު ހިތަދޫ ސްކޫލްއަށް ކާމިޔާބުކޮށްދިނީ އީމާން ނަޒީރެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗްގެ ދެވަަނަ ހާފްގައި އިރުޝާދިއްޔާ ސްކޫލުގެ ފުރަތަމަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ތަމާމް ޝާހިދެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ތަމާމް ޝާހިދެވެ. އިރުޝާދިއްޔާ ސްކޫލްއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ހަސަން ޒައިދާނެވެ. މި މެޗުގައި ހިތަދޫ ސްކޫލާއި، އިރުޝާދިއްޔާ ސްކޫލަށްއަށްވެސްވަނީ މެޗުން މޮޅުވުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައެވެ.

މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިރުޝާދިއްޔާ ސްކޫލްގެ ކޯޗް އަހްމަދް ނާދިރް ވިދާޅުވީ މިއަދު ކުޅުނު މެޗާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި، މި މެޗުން އެއްވަރުވުމުން އިރުޝާދިއްޔާ ސްކޫލަށް ލިބުނު ޕްލަސް ޕޮއިންޓެއް ކަމަށެވެ.

"އެއްވަރުވީމަ ކޮންމެ ގޮތަކަށްވިޔަސް އެޑްވާންޓޭޖެއް ހިތަދޫ ސްކޫލަށް ވުރެން. އަޅުގަނޑުމެންނަށް 4 ޕޮއިންޓް ލިބިފަ، ހިތަދޫ ސްކޫލް އެއްޕޮއިންޓް ދެންތިބި ޓީމްތަކައް ލިބުނީ 3 ޕޮއިންޓް. އެހެންވީމަ އަދި އަތްމަތީގަ ދެމެޗް އޮތީމަ އޭގެ އެޑްވާންޓޭޖެ އެބައޮތް އިރުޝާދިއްޔާ ސްކޫލަށް. ދެން އޮންނަ މެޗް މިއަށްވުރެން ރަގަޅުވެ މޮޅު ވެއްޖެއްޔާ ފައިނަލަށް ދިއުމުގެ ޗާންސް އެބައޮތް." އިރުޝާދިއްޔާ ސްކޫލްގެ ކޯޗް އަހްމަދް ނާދިރް ވިދާޅުވިއެވެ.

އަދި ހިތަދޫ ސްކޫލްގެ ކޯޗް މުޙައްމަދް ޝުއާއު ވިދާޅުވީ، މިއަދުގެ މެޗު އެއްވަރުވުމުން ހިތަދޫ ސްކޫލަށް މުބާރާތުގައި ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވެފައިކަމަށާއި، އެކަމުވެސް ކުރިއަތްއޮތް މެޗްތަކުގައި މިއަށްވުރެން ރަގަޅަށް މަސައްކަތްކުރާނެ ކަމަށެވެ.

"މިމެޗް އެއްވަރުވީމަ ކޮންމެ ގޮތެއްވިޔަސް އަހަރުންނަށް ގެއްލުން. ދެން މިޖެހެނީ އެހެން ޓީމުތަކައް ވާ އެއްޗެއް ބަލަން. ޓީމު ވަރަށް ބަރާބަރު މަސައްކަތްވެސް އަދި ޗާންސްވެސް ލިބުނު. ނަސީބު ދެރަކަމުން އެއް ކުޅުންތެރިއަކު އިންޖަރީވުމާއިއެއްކޮށް ޓީމުގެ ސްކޮޑް ވީކްވީމަ ދެން ލިބުނު ޗާންސް އަޅުގަނޑުމެންނަށް ގެއްލިގެން ދިޔައީ. އެކަމުވެސް ޔަގީންކަ އެބައޮތް ބާކީ ލިބޭ ދުވަސްތަކުގަ ޕްރެކްޓިސްކޮށް ދެންއޮތް ދެ މެޗް ނަގައިގެން އެންމެ ހަނި ޗާންސަކަށްވެސް ޓީމް މަސައްކަތް ކުރާނެ." ހިތަދޫ ސްކޫލްގެ ކޯޗް މުޙައްމަދް ޝުއާއު ވިދާޅުވިއެވެ.

މި މުބާރާތުގައި މާދަމާވެސް މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ކުޅޭނީ 14 އަހަރުން ދަށުގެ މެޗުތަކެވެ. މާދަމާގެ މެޗުގައި ބައްދަލުކުރާނީ ހިތަދޫ ސްކޫލާއި ސ.އަތޮޅު މަދުރަސާއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޭދޫ ސްކޫލާއި މަރަދޫ ސްކޫލެވެ.