ޚަބަރު

ޖަޕާނު ސަރުކާރުން ފުލުހުންނަށް ގިނަ ވެހިކަލްތަކެއް ހަދިޔާކޮށްފި


ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ މުއައްސަސާއަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އާލާތްތަކުގެ ލިޔުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާ ޙަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީއެވެ.

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ މުއައްސަސާއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 28 ކާރާއި ލޯންޗަކާއި ވައިޖަހާ ވައްތަރުގެ ދެ ބޯޓް ހިމެނެއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ޖަޕާނުން އެހާ ގިނަ އަގުބޮޑު އާލާތްތަކެއް ހަދިޔާ ކުރުމުން ދެ ޤައުމުގެ ދެމެދުގައިވާ ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ.

"ޖަޕާނުން ވެދޭ އެހީއަކީ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ވެދޭ އެހީތެރިކަމުގެ މިސާލެއް." ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ އެޤައުމުން ދިވެހި ފުލުހުންނަށް ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ޓެރަރިޒަމާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި ފުލުހުންނަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއާއި ޕޮލިސް ކޮމިޝަނަރ މުހައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ ގިނަ އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.