ޓުއަރިޒަމް

އިންޑިއާ ފަތުރުވެރިން - ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރީ ސަފަށް!


ދިވެހިންގެ ޒަމާންވީ އެކުވެރިޔާ އިންޑިއާއަކީ ޤައުމީ ތަރައްޤީއާއި ކުރިއެރުމުގައި މުހިންމު ޤައުމެކެވެ. ތަޢުލީމީ ދައިރާއާއި ސިއްޙީ ދާއިރާގެ އިތުރުން ފަންނީ އެކިދާއިރާތަކުންވެސް އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބެމުންދެއެވެ. ފަހަކަށްއައިސް އިންޑިއާ ފާހަގަކުރެވެނީ ރާއްޖޭއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް އެންމެ ހަލުވި ދުވެއްޔެއްގައި އިތުރުވަމުން އަންނަ ޤައުމުގެ ގޮތުގައެވެ.

އާބާދީގެ ގޮތުން ބަލާއިރު އިންޑިއާއަކީ މުޅިދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ރާއްޖެއަކީ އާބާދީގޮތުން ބަލާއިރު ވަރަށްކުޑަކުޑަ ޤައުމެކެވެ. އެހެންނަމަވެސް ރާއްޖެ ފާހަގަކުރެވިފައިވަނީ ފަތުރުވެރިކަމުގެ ގޮތުން މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު މަތީފަންތީގެ މަންޒިލެއްގެ ގޮތުގައެވެ.

އެހެންނަމަވެސް އާބާދީބޮޑު އަވަށްޓެރި ޤައުމަށްވެފާއިރު އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު ދާދިފަހަކާ ޖެހެންދެން ވަރަށް މަދުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް މިކަން ބަދަލުވެ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް އިންޑިއާ އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ނިސްބަތް އިތުވާން ފެށީ2007 ވަނަ އަހަރުން ފެށިގެންނެވެ.

2007 ވަނަ އަހަރު އިންޑިއާ ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތަކުގެ ލިސްޓްގެ 10 ވަނައިގައި ހިމެނިފައެވެ. އެއީ ޖުމްލަ 17327 ފަތުރުވެރިންނާއިއެކުއެވެ. އެއަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގައި އިންޑިއާގެ މާކެޓް އައީ ކުރިއަރަމުންނެވެ. 2007 ވަނަ އަހަރު ގަދަ 10 ގައި އޮތުމަށްފަހު 2012 ވަނަ އަހަރު އިންޑިއާ ވަނީ ގަދަ 8އަށް ޖެހިލާފައެވެ. 2012 ވަނަ އަހަރު އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 31721އެވެ. އަހަރަކަށްވުރެ އަހަރެއް ރާއްޖޭގެ ފަތުރުވެރިކަމުގައި އިންޑިއާގެ ފަތުރުވެރިންގެ ޙިއްސާބޮޑުވެ، 2015 ވަނަ އަހަރު ގަދަ 5އަށް ވަނީ ޖެހިލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް އިންޑިއާގެ 36053 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު %85.5 އިތުރު ޢަދަދެކެވެ.

މިދިޔަ ފަސް އަހަރަށް ބަލާއިރު އިންޑިއާ ޓޫރިސްޓުން އިތުރުވި ނިސްބަތް އުޅެނީ %20 ގައެވެ. މީގެކުރީގައި އިންޑިޔާ މީހުންނަށް ރާއްޖެއަކީ އަގުބޮޑު މަންޒިލެއްގެ ގޮތުގަ ވިސްނިފައިއޮތްނަމަވެސް މިހާރު މެދުފަންތީގެ ފަތުރުވެރިކަން ރާއްޖޭގައި ފުޅާވަމުން އައުމަކީ އިންޑިއާގެ ފަތުރުވެރިން އިތުރުވުމުގެ ސަބަބެއްކަމަށް ބެލެވެއެވެ.

އިންޑިއާއިން ރާއްޖެއަންނަ އެއަރލައިންތައް އިތުރުވުމަކީވެސް އިންޑިޔާގެ ފަތުރުވެރިން އިތުރުވުމުގެ ސަބަބެއްކަމަށް ފަތުރުވެރިކަމުގެ ދާއިރާ އިސްފަރާތްތަކުން ދެކެއެވެ. އިންޑިއާއިން މިހާރު ރާއްޖެ ދަތުރުކުރާ އެއަރލައިންތަކުގެ ތެރޭގައި އިންޑިގޯ، ގޯއެއާ، ސްޕައިސްޖެޓް ފަދަ އެއާލައިންތައް ހިމެނެއެވެ.

އިންޑިއާގެ ފަތުރުވެރިންގެ ނިސްބަތް އިތުރުވަމުންދިއުމާއެކު މިސަރަޙައްދުގެ ޤައުމުތަކުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މެދުފަންތީގެ ފަތުރުވެރިކަމާއި، ގެސްޓުހައުސްތަކުގެ މަޤްބޫލުކަން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.