ރިޕޯޓް

ބަރުގޮނު އަޅާވަރަކަށް މަގުތައް ފުޅާވަނީތޯ؟


މާލޭގެ ބައިބޯކަމާއި ތޮއްޖެހުމުގެ ވާހަކައީ މިހާރު ދައްކަން އައު ވާހަކައެއް ނޫނެވެ. ޢިމާރާތްތަކާއި އެއްވަރަށް ވެހިކަލްތަކުގެ ޢަދަދުވެސް ދުވަހުން ދުވަހަށް އަންނަނީ އެތައް ގުނައަކުން އިތުރުވަމުންނެވެ. މާލޭ ސިޓީވެފައިވަނީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބައިބޯ އެއް ސިޓީއަށެވެ.

ކުރިން ހެނދުނު އަރާ އިރާއެކު ކޮންމެވެސް ވަރަކަށް ކޮވެލީގެ އަޑު މަދުންނަމަވެސް މާލެތެރެއިން އިވެއެވެ. އެހެންނަމަވެސް މާލޭގެ ހަލަބޮލިކަމުގެ މިއަޑުތައް ގެއްލި މިހާރު އަބަދުހެން އިވޭ އެއް އަޑެއް އޮވެއެވެ. ހަމައެއް ލަމެއް، ހެނދުނެއް ދަންވަރެއް ބެލުމެއްނެތި ބަރުގޮނު އަޅާ އަޑެވެ. 24 ގަޑިއިރު ވޭތުވެގެންދާއިރު، މި އަޑު ނާހާ މީހަކު މާލެއަކު ހުންނާނެ ހެނެއް ހިޔެއްނުވެއެވެ.

މަގުމައްޗަކީ އެންމެންގެ ފަސޭހައަކަށް ހަދާފައި އޮންނަ ތަންތަންކަމަށްވާއިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމައަށް އިޙްތިރާމްކުރުމަކީ މަގުމަތި ބޭނުންކުރާ ކޮންމެ މީހެއްގެވެސް ބޮޑު ޒިންމާއެކެވެ. ނަމަވެސް ހިތާމައަކީ މާލޭގެ މަގުތަކަށް ނުތަކާ ވަރަށް ވެހިކަލްތައް އިތުރުވަމުންދާވަރަކަށް، މި ދެންނެވި ބަރުގޮނު އަޅާ އަޑުވެސް ގަދަވެގެންދާކަމެވެ. ކާރާއި ސައިކަލްގައި ދުއްވާ ފަރާތްތަކުން ބަރުގޮނު އަޅަން ނުޖެހޭ ޙާލަތްތަކުގައި ބަރުގޮނު އެޅުން މިއީ މިހާރު އާއްމުކަމެކެވެ.

ޓްރެފިކަށް ކިރިޔާ ހުއްޓުމެއް އަޔަސް ނިމުނީއެވެ. އިނގިޔަށް ބާރުލާ އެމީހަކަށް ފިތުނުހާ ބާރަކަށް ބަރުގޮނަށް ފިތާލައެވެ. ގެޔަކުން ނެރޭ ބަލިމީހަކު އަރުވަން އެމްބިއުލާންސް މަޑުކޮށްގެން އޮތަސް ވަރިހަމައެވެ. ނުވަތަ ދުވަސްވީ މީހަކު މަގު ހުރަސްކޮށްލަން ތަންދީގެން އޮތަސް ބެލުމެތްނެތެވެ. ބައެއް ފަހަރު މިއީ ވާދައަކަށް ނުވަތަ ސަމާސާއަކަށް ކޮށްލާ ކަމަކަށް ހަދާ މީހުންވެސް މަދެއް ނޫނެވެ. އެކަކަށްވުރެ ބާރަށް އަނެކަކު ބަރުގޮނު އަޅާ މަންޒަރުވެސް ފެންނަލެއް މަދެއް ނޫނެވެ.

އެއްގަމުދަތުރުފަތުރުގެ ޤާނޫނުގައި ބަރުގޮނު އެޅޭނެ ވަކި ހާލަތްތަކާއި، އެކަމުން އިސްތިސްނާވާ އުޅަނދުތަކެއް ހިމެނެއެވެ. މި ޤާނޫނުގައި ވާގޮތުން އެއްގަމު އުޅަނދުގެ ބަރުގޮނު އަޅަންވާނީ، އަދި އޭގެ އަޑު ބަހައްޓަންވާނީ ޓްރާންސްޕޯޓް މިނިސްޓްރީން އެކަމަށް ކަނޑައަޅާ މިންގަނޑާ އެއްގޮތްވާ ގޮތަށެވެ. އަދި ޢާންމު ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ކުރެވިފައިވާ އުޅަނދުފަހަރުގައި ބޭނުންކުރުމަށް ހުއްދަކޮށްފައި ހުންނަ ބަރުގޮނު، އެހެނިހެން އުޅަނދުފަހަރުގައި ބޭނުންކުރުމަކީވެސް މަނާކަމެކެވެ.

ބަރުގޮނަކީ ނުރައްކަލެއް ކުރިމަތިވެދާނެހެން ހީވާފަދަ ހާލަތްތަކުގައި އަނެކާގެ ސަމާލުކަމަށް ގެނެއުމަށް ބޭނުންކުރާ ވަޞީލަތެކެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ޓެކްސީއަކުން އުމުރުންދުވަސްވީ މީހަކު ނުވަތަ ޙާއްސަ އެހީއަށް ބޭނުންވާ މީހަކު ފައިބަން މަޑުކޮށްލިޔަސް، އެއްވެސް ރަހުމެއްނެތި ނުވަތަ ކެތްތެރިކަމެއްވެސް ނެތި ކާރުގެ ފަހަތުން ބަރުގޮނު އަޅަން ފަށައެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓަރ މުޙައްމަދު ލުތުފީ ވިދާޅުވީ ވެހިކަލް ދުއްވާ ފަރާތަކުން ބަރުގޮނު އަޅާއިރު ކުރިމަތީގައި ހިގަމުންދާކަމަށް އެއްވެސް ބަލާލުމެއް ނޯންނަކަން ފާހަގަކުރެވޭކަމަށެވެ. އަދި ބަރުގޮނު އަޅަންނުޖެހޭ ފަދަ ޙާލަތްތަކުގައިވެސް ދިވެހިން ބަރުގޮނު އަޅަމުން ގެންދާކަންވެސް ލަތީފް ފާހަގަކުރައްވާފައެވެ.

" ޙާއްސަކޮށް ފާހަގަކުރެވޭ ފެން ބަރުކޮށްގެން ދުއްވާ އުޅަނދުތައްވެސް ފިހާރަތަކަށް ފެންކޭސްތައް ބޭލުމަށް މަޑުކުރާ ވަގުތުތަކުގައިވެސް ބަރުގޮނުއަޅާކަން ފާހަގަކުރެވޭ. ހަމައެއާއެކު ގޭސް ބަރުކޮށްގެން ދުއްވާ އުޅަނދުތައްވެސް ގޭގެއަށް ގޭސް ޑެލިވަރީކުރާއިރު، ގޭސްފުޅި ބޭލުމަށް މަޑުކޮށްލާ ގަޑީގައިވެސް ކިރިޔާ މަގުމަތީގައި މަޑެއްޖެހުނަސް ބައެއް ފަރާތްތަކުން އެބަ ބަރުގޮނުއަޅަން ފަށާ. ޓެކްސީއަކުން މީހަކު ބޭލުމަށް މަޑުކޮށްލިޔަސް، ކާރުން ފައިބަނީ މާބަނޑުމީހެއްތޯ، ނޫނީ އުމުރުން ދުވަސްވީ ފަރާތެއްތޯ، ނޫނީ ޙާއްސައެހީއަށް ބޭނުންވާ ފަރާތެއްތޯވެސް ބަލާލުމެއް ގިނަ ފަހަރަށް ނޯވޭ ބަރުގޮނު އަޅަންފަށާއިރު." ސަބް އިންސްޕެކްޓަރ މުޙައްމަދު ލުތުފީ ވިދާޅުވިއެވެ.

ބަރުގޮނު އެޅުމުގެ އިތުރަށް، ސައިލެންސަރު ހޮޅި ފޫއަޅުވާލައި އިންޖީނުގެ އަޑު އާދައާޚިލާފަށް ގަދަކޮށްލުމާއި ސައިކަލުގެ ނުވަތަ ކާރުން ބަރުގޮނު އެޅީމަ ނުކުންނަންޖެހޭ އަސްލު އަޑު ނޫން އެހެން އަޑުއަޑު ނެރުވުން މިއީވެސް މިހާރު ފެޝަނަކަށް ވެފައިވާ ކަމެކެވެ. މަގުމަތީ ހިނގައިފައިދާ މީހަކު ބިރުން ހޭނެތޭ ވަރަށްވެސް ބައެއްފަހަރު މިފަދަ އަޑުއަޑު އިވެއެވެ. ދުއްވާފައިދަނީ އިންޖީނުލީ އުޅަނދެއްކަމެއް ނުވަތަ ނޫންކަމެއް ވަކިނުވާ މިންވަރަށްވެސް މިފަދަ އަޑުތައް މަގުމަތީ ގަދަވެގެންދެއެވެ.

"ރޯޑްވާދިނަސް ހަދާއިރު ސައިކަލުގައި އެ ހުންނަނީ އަސްލު ހުންނަންޖެހޭ ބަރުގޮނުތޯ ރޯޑްވާދިނަސްގެ މިންގަނޑުތަކުގެ ތެރޭގައި ބެލޭނެ. އޭގެ ބޭރުން ޖަނަވާރުންގެ އަޑާއި، ފާޑުފާޑުގެ އަޑުތައް އިވޭފަދަ ސައިލެންސަރު ނުވަތަ ބަރުގޮނު ހަރުކޮށްގެން ދުއްވާ އެއްޗެއްސަކީ ރޯޑްވާދިނަސްގެ މިންގަނޑުތަކާއި މިނިސްޓްރީގެ ޤަވާއިދަށްވެސް ފެތޭ ވެހިކަލްތަކެއް ނޫން" ސަބް އިންސްޕެކްޓަރ މުޙައްމަދު ލުތުފީ ވިދާޅުވިއެވެ.

ބަރުގޮނުގެ އަޑު ގަދަވެގެން ބައެއް ތުއްތު ކުދިންނަށް ނިދަން އުނދަގޫވުމާއި، ގޭގައި ފިލާވަޅު ދަސްކުރަން ނުވަތަ ނަމާދުކޮށްލުމަށްޓަކައި ހުންނަ މީހާއަށް ބަރުގޮނު އެޅުމުގެ ސަބަބުން އެވާ އުނދަގޫ ތަޞައްވަރު ކޮށްލުން މުހިންމެވެ. ބަރުގޮނު އެޅުމަކީ ތިމާގެ ޙައްޤެއް ކަމަށް ދެކޭ މީހާ، ބަރުގޮނުގެ ސަބަބުން އުދަގޫވާ މީހާގެ ޙައްގުތަކާމެދު ވިސްނާލުން މުހިންމެވެ.

މީހަކު ވެހިކަލަކަށް އަރަން ނުވަތަ ފައިބަން ނޫންނަމަ އެއްޗެއް އުޅަނދަކަށް އަރުވާން ނޫނީ ބާލަން މަޑުކޮށްލުމަކީ ތިމާއަށް ކެތްކުރަން ދަތިވާކަމަށްވާއިރު، ތިމާ އެފަދަ ކަމެއް ކުރަންޖެހޭ ޙާލުގައި ވާނެ ގޮތާމެދު ވިސްނާލުން މުހިއްމެވެ. ކެތްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސްނެތި ބަރުގޮނު އަޅާ ފަރާތްތަކަށް އޮތީ އެންމެ ސުވާލެކެވެ. ބަރުގޮނު އަޅާވަރަކަށް މަގުތައް ފުޅާވަނީތޯއެވެ؟