ޚަބަރު

ރޯދަމަހާ ދިމާކޮށް އައްޑޫގެ ގޭބީސީތަކުން ނެރޭ ކުނި ހިލޭ އުކާލަދެނީ

ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް އައްޑޫ ސިޓީގެ ގޭބީސީ ތަކުން ހިލޭ ކުނި ނަގައިދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން 'ނަލަ ފެހި އައްޑޫ'ގެ ނަމުގައި ކުރިޔަށް ގެންދާ މި ހަރަކާތުގެ ދަށުން ގޭގެއިން ކުނި ނަގައިދޭނީ މިމަހުގެ 22 އަންނަ މަހުގެ 2 ގެ ނިޔަލަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ރޯދަމަހަށް ގޭތެރެ ސާފުކޮށް އުކާލާ ކުނިތައް ވެމްކޯއިން ނަގަމުން ގެންދަަނީ އެކަމަށް އެދި ނަންނޯޓްކުރުމުންކަމަށެވެ. އަދި ނަންނޯޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ގޭބީސީ އެއް ނިސްބަތްވާ އަވަށު އޮފީހުގައި ނަންނޯޓްކުރަމުން ގެންދިޔުމަށް ސިޓީ ކައުންސިލުން ބުނެއެވެ. ނަންނޯޓު ކުރިޔަށްދާނީ މިމަހުގެ 16 އިން 25 ގެ ނިޔަލަށެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ މި ޕްރޮގްރާމުގެ މަޤްސަދަކީ، ރަމަޟާން މަހާ ދިމާކޮށް ގޭތެރެ ސާފު ކުރުމަކީ ދިވެހީންގެ އާދަކާދައަކަށްވުމުން ގޭބީސީތަކުން ގިނަ އަދަދެއްގެ ކުނި އުކާލަންޖެހޭތީ އެކަމުގައި ރައްޔިތުންނަށް ލުއި ފަސޭހަގޮތެއް ހޯދައި ދިނުމަށް ކަމަށެވެ.