ޚަބަރު

ޑުސެލްޑޯފް ބަލިކޮށް ބަޔާން މިއުނިކް އަލުން ތާވަލުގެ އެއްވަނައަށް



ޖަރުމަނު ބޮންޑަސް ލީގުގައި ޑުސެލްޑޯފް ބަލިކޮށް އެފްސީ ބަޔާން މިއުނިކް އަލުން ތަވާލްގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ރޭ ބަޔާން ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ ހަތަރެއް އެކެއްގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު މެޗުގެ ފަނަރަ ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ކިންގްސްލީ ކޯމަންއެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކޯމަންވަނީ އިތުރު ލަނޑެއް ޖަހާ ބަޔާންއަށް މެޗުގެ ނަތިޖާގެ ފަރަގު ބޮޑުކޮށްދީފައެވެ. ބަޔާންގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފެށިތާ ދިހަ މިނެޓު ތެރޭގައި އެޓީމަށް ޖަހައިދިނީ ސާރޖް ގްނެބްރީއެވެ.

މި މެޗުގައި ޑުސެލްޑޯފްއިން ޖެހި ލަނޑަކީ ބަޔާންގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅައިން ޖެހުމުގެ ސަބަބުން ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. ރެފްރީ މި ޕެނަލްޓީ ދީފައިވަނީ ވީއޭއާރު ބެލުމަށްފަހުއެވެ. މެޗުގައި ޑުސެލްޑޯފްއިން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ ޑޮޑީ ލުކެބަކިއޯއެވެ. ބަޔާންއިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ އެންމެ އެންމެ ފަހު މިނެޓުގައި އެޓީމަށް ޖަހައިދިނީ ލިއޯން ގޮރެޓްޒްކާއެވެ.

މި ނަތީޖާއާއެކު ޖަރުމަނު ލީގުގެ އެއްވަނައިގައި ބަޔާން އޮތީ ފަސްދޮޅަސް ހަތްޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޑޯޓްމަންޑަށް ލިބެނީ ފަސްދޮޅަސް ހަ ޕޮއިންޓެވެ. ފަންސާސް އަށްޕޮއިންޓާއެކު ލެއިޕްޒިގް ތިންވަނައިގައި އޮތްއިރު ހަތަރު ވަނައިގައި ފަންސާސް ދެ ޕޮއިންޓާއެކު އޮތީ އެއިންޓްރެޗް ފްރޭންކްފާޓްއެވެ.