ޚަބަރު

ކްރިސްޓަލް މެލަސްގެ މެޗުގައި ސްޓާލިން ދެއްކި ކުޅުމަށް ގާޑިއޯލާ ތަޢުރީފް ކޮށްފި



އިނގިރޭސި ޕްރެމިއަރ ލީގުގައި ކްރިސްޓަލް ޕެލެސް އަތުން މެންޗެސްޓަރ ސިޓީ މޮޅުވި މެޗުގައި ރަހީމް ސްޓާރލިންގެ ފަރާތުން ފެނުނު ކުޅުމަށް ކޯޗު ޕެޕް ގާޑިއޯލާ ތައުރީފްކޮށްފިއެވެ.

ކްރިސްޓަލް ޕެލެސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބުކުރީ ތިނެއް އެކެއްގެ ނަތީޖާއަކުންނެވެ. މެޗުގައި ސިޓީއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެޓީމަށް ޖަހައިދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަހީމް ސްޓާލިންއެވެ. ތިންވަނަ ލަނޑު މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި އެޓީމަށް ޖަހައިދިނީ ގެބްރިއަލް ޖެސުސްއެވެ. ކްރިސްޓަލް ޕެލެސްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ލުކަ މިލިވޮޖެވިކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މެޗުގައި ރަހީމް ސްޓާލިން ޖެހި ދެވަނަ ގޯލަކީ ތަފާތު މޮޅު ގޯލެއްކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް ޓީމު މޮޅުކޮށްދޭން އެންމެ ފަހުވަގުތާއި ހަމައަށްވެސް މަސައްކަތްކުރާ ކުޅުންތެރިއެއްކަމަށް ގާޑިއޯލާ ބުންޏެވެ. އަދި މެޗުގެ ހަތްދިހަ ފަސްވަނަ މިނެޓާއި ހަމައަށް ވަރަށް ރަނގަޅަށް މެޗު ކޮންޓްރޯލްކޮށްގެން ސިޓީން ކުޅުނު ކަމަށާއި، ނަމަވެސް އޭގެ ފަހުން ކޮންމެވެސް ވަރަކަށް ސިޓީގެ ކުޅުން ދަށްވެގެންދިޔަކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ލީގު ކާމިޔާބުކުރަން ބޭނުންނަމަ ކުރިޔަށްހުރި ހުރިހާ މެޗެއް ކާމިޔާބުކުރަން މަޖުބޫރު ކަމަށާއި، ސިޓީއާއި އެންމެ ވާދަވެރި ލިވަޕޫލުން ކުރިޔަށްހުރި ހުރިހާ މެޗެއް ކާމިޔާބުކުރާނެކަމަށެވެ.

ޕްރެމިއަރ ލީގުގެ އެއްވަނައިގައި ލިވަޕޫލް މިވަގުތު އޮތީ އަށްޑިހަ ފަސް ޕޮއިންޓާއެކުއެވެ. އެއް މެޗުން މަދުން ކުޅެގެން ސިޓީ ދެވަނައިގައި އޮތީ އަށްޑިހަ ތިންޕޮއިންޓާއެކުއެވެ.