ސިޔާސީ

ޒިޔާދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތެއް ނުވި


ކުރިމިނަލްކޯޓްގެ އިސްގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ކާނަލް މުހައްމަދު ޒިޔާދްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުނުވާކަމަށް ކަނޑައަޅާ ކުރިމިނަލްކޯޓުން އޭނާ މިނިވަންކޮށްފިއެވެ.އެކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ރޭ އިއްވި ހުކުމްގައި ބުނެފައިވަނީ ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި އޮޕަރޭޝަންގައި ޒިޔާދް އަމަލުކޮށްފައިވަނީ އެމްއެންޑީއެފްގެ އެފަދަ މަގާމެއްގައި ހުރި މީހަކު އަމަލުކުރަންޖެހޭ އުސޫލްތަކާއި އެއްގޮތަށްކަމަށެވެ. އަދި ގާނޫނާއި ހިލާފަށް އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް އެފަދަ ޖަރީމާއެއް ހިންގުމުގެ އެއްވެސް ނިޔަތެއް ޒިޔާދްގެ ނެތްކަން ހެކިންގެ ހެކިބަހުންނާއި ޝަރީއަތަށް ހުށައެޅިފައިވާ ހެކިތަކުން އެގޭކަމަށްވެސް ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ.އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ ފަސްމީހެއްގެ މައްޗަށް އުފުލާފައިވާއިރު އޭގެތެރެއިން އެންމެ މައްސަލައެއް ފިޔަވާ ހުރިހާ މައްސަލައެއްގައި މިހާރު ވަނީ ހުކުމްއިއްވާފައެވެ.މި މައްސަލާގައި ހިމެނޭ ކުރީގެ ރއީސް މުހައްމަދު ނަޝީދް ތޭރަ އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު ހާދިސާ ހިންގި އިރު ޑިފެމްސް މިނިސްޓަރަކަށް ހުންނެވި ތޮލްހަތު އިބްރާހިމް ދިހަ އަހަރަށް ޖަލަށްލުމަށްވެސް ހުކުމްކޮށްފައިވެއެވެ.މީގެއިތުރުން މި ހާދިސާ ހިނގިއިރު ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ހުރި މިހާރު ޑިފެންސް މިނިސްޓާރ މޫސާ އަލީ ޖަލީލްގެ މައްޗަށް ކުށްސާބިތުނުވާކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.މި މައްސަލާގައި މިހާތަނަށް ނުނިމި އޮތީ ކުރީގެ މާލޭ އޭރިޔާގެ ކޮމާންޑަރ އިބްރާހިމް މުހައްމަދު ދީދީގެ މައްސަލައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ދަނިކޮށް އޭނާގެ ސިއްހީ ހާލަތު ގޯސްވެގެން އެ މައްސަލައިގެ ޝަރީއަތްތައްވަނީ ހުއްޓުމަކަށް އައިސްފައެވެ.