ޚަބަރު

ކްލަބް މޯލްޑިވްސް ކަޕްގައި ޔުނައިޓެޑް ބީއެމްއެލްއިން ފަސޭހަކަމާއިއެކު ސިވިލްކޯޓުގެ މައްޗަށް ކުރިހޯދައިފި



މިހާރު ކުރިޔަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ޔުނައިޓެޑް ބީއެމްއެލްއިން ފަސޭހަކަމާއެކު ސިވިލް ކޯޓުގެ މައްޗަށް ކުރި ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބީއެމްއެލްއިން ސިވިލް ކޯޓުގެ މައްޗަށް ކުރިހޯދީ އަށެއް ސުމެއްގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބީއެމްއެލްގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ އިޝާން އިބްރާހިމް، އިބްރާހިމް ސިނާހް، އަލީ ހާފިޒް އަދި މުހައްމަދު ނާޝިދު އަހުމަދު ނަސީމްއެވެ. ބީއެމްއެލްއިން ވަނީ މުބާރާތުގެ ކުޅުނު ފުރަތަމަ މެޗުވެސް ކާމިޔާބުކޮށްފައެވެ.

މި މެޗުގެ އިތުރުން ރޭ ވަނީ އަދި އިތުރު ތިން މެޗެއް ކުޅެފައި. އެގޮތުން ޕީއެސްއެމް އާއި ވާދަކޮށް ޕޮލިސް ކްލަބްވެސް ވަނީ މުބާރާތުގައި ކުޅުނު ދެވަނަ މެޗުން މޮޅުވެފައެވެ. ހަތް ލަނޑު ދެ ލަނޑުން ޕޮލިސް ކާމިޔާބުކުރި މި މެޗުގައި ޕޮލިސް ކްލަބުގެ ލަނޑުތައް ޖަހައިދިނީ އަލީ އަޒުހަރު، މުހައްމަދު ޝިފާން، އަހުމަދު ރިޝްފާން، އަލީ ރިސްވާން އަދި މުހައްމަދު ޒާޔިދްއެވެ. ޕީއެސްއެމްގެ ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުﷲ ނާފިއު އަދި ރިމާހު އަހުމަދެވެ.

މީގެ އިތުރުން ފެހި ފަހި ކްލަބާއި ވާދަކޮށް ސްޓެލްކޯއިން ވަނީ މުބާރާތުގެ ފުރަތަމަ މޮޅު ރޭ ހޯދާފައެވެ. އެގޮތުން ހަތް ލަނޑު ހަތަރު ލަނޑުން ސްޓެލްކޯ މޮޅުވި މިމެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ އަޔާޒް އަހުމަދު، އަލީ މާއިސް އަދި ހާރޫން އިބްރާހިމްއެވެ. ފެހިފަހި ކްލަބުގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ޝަމީމް އަދި މައުމަން އަބްދުއްރަޝީދުއެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު ފަހު މެޗު ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ވާދަކޮށް ދެ ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި ސިފައިންގެ ކްލަބުގެ ލަނޑުތައް ޖަހައިދިނީ ހަސަން ފަވާޒް އަދި ނަދީފް އިބްރާހިމްއެވެ.