ޚަބަރު

ޖަލުތަކުގައި ހުރި މައްސަލަތައް އިސްލާޙް ކުރުމަށް 182 ހުށައެޅުމެއް ސަރުކާރަށް ހުށައަޅައިފި


ރާއްޖޭގެ ޖަލުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް "ކޮމިޝަން ފޮރ ޕްރިޒަންސް އޮޑިޓް"ގެ ހޯދުންތަކުގެ އަލީގައި 182 ހުށައެޅުމެއް ހޯމް މިނިސްޓަރަށް ހުށައަޅައިފިއެވެ.
މި ހުޝަހެޅުންތަކަކީ ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ޖަލުތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލެއްވި ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓެކެވެ. އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓު މިއަދު ވަނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲއަށް ހުށަހަޅާފައެވެ.

މިރިޕޯޓު އެކުލަވާލާފައިވަނީ ޖަލުތަކަށް ޒިޔާރަތްކޮށް ޖަލުތަކުގެ މަސައްކަތް ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ގުޅުހުރި އެކި އިދާރާތަކާއި ބައްދަލުކޮށް މާއުލޫމާތު ހޯދައި ކުރެވުނު ދިރާސާތަކުގެ މައްޗަށް ބިނާކޮށެވެ. 70 ދުވަސްތެރޭގައި އެކުލަވާލި 390 ޞަފްޙާގެ މިރިޕޯޓުގައި އެންމެ ގިނައިން ފާހަގަކޮށްފައިވަނީ އެކަށީގެންވާ މިންވަރަށްވުރެ ގިނައިން ޖަލުތަކުގެ ގޮޅިތަކުގައި ގައިދީންނާއި، ބަންދުގައި ތިބޭ މީހުން ބޭތިއްބުމުގެ ސަބަބުން ސިއްޙީ ގޮތުން ގިނަ މައްސަލަތައް ފާހަގަކުރެވިފައިވާކަމެވެ. އަދި މިކަން ހައްލުކޮށް ޖަލުތަކުގެ އާންމު ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތައް ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"ކޮމިޝަން ފޮރ ޕްރިޒަންސް އޮޑިޓް"ގެ ރިޕޯޓުގައި ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖޭގެ ޖަލުތަކުގެ ހާލަތުހުރީ ދަށްފެންވަރެއްގައި ކަމަށާއި، ރައީސް ޞާލިޙްގެ ސަރުކާރުން އެންމެ ޚައްސަ އިސްކަމެއްދެއްވާ ކަންކަމުގެ ތެރޭގައި ޖަލުތަކުގެ ހާލަތު ރަނގަޅުކުމުގެ މަސައްކަތް ހިމެނޭކަމަށެވެ. އެހެން ކަމުން ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލެއްވި ކޮމިޝަނުން ހުށައެޅި ހުށައެޅުންޔތަކަށް ބަލައި ކުރިއަށް އޮތްނުގައި ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

"މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލައި، ޖަލުތައް ރަނގަޅުކުރުމުގެ މައިގަނޑު އަސާސަކީ އިރާދަކުރެއްވިއްޔާ މި ރިޕޯޓުކަމުގައި ހަދާނަން. އިރާދަކުރެއްވިއްޔާ ޖަލުތައް އިސްލާޙްކޮސް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މި ރިޕޯޓުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން ފަށާނަން" މިނިސްޓަރ ވިދާޅުވިއެވެ.

ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލެއްވި ކޮމިޝަނުން ފާހަގަކުރެވުނު ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ކޮމިޝަނުންގެ މެންބަރު އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ކޮމިޝަނަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ޖަލުތަލުގައި ހުރި ސިއްޚީ މައްސަލަތާކާއި، އާންމު ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަންޖެހިފައިވާކަން ކަމަށެވެ. އަދި އެކަންކަން އިސްލާހްކުރެވޭނެ ގޮތަށްވެސް ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ޖަލުތަކުން މީހުން މިނިވަންވުމާއި ޖަލުން ދެވޭ ބައެއް ޚިދުމަތްތައް ދިނުމުގައި ކޮރަޕްޝަނަށް މަގުފައިވާ ކަންކަން ހުރިކަންވެސް ކޮމިޝަނަށް ފާހަގަކުރެވުނު ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮމިޝަނަށް ފާހަގަވި ބޮޑެތި މުހިއްމު މައްސަލަތަކުގެ ބަލާއިރު ޖަލުތައް މިވަގުތު ހިނގަމުންދާގޮތަށް ބާލާއިރު، ޖަލުތަކުން މީހުން މިނިވަންވެގެންދިއުމާއި، އެއާއިއެކީގައި ޖަލުތަކުންދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފައިވާ ބައެއްކަންކަން ހުރިކަން އަޅުގަނޑުމެން ފާހަގަކުރަން. އެހެންވީމާ މިކަން ކަން އިތުރަށް ތަޙްޤީގުކޮށް މިކަންކަމާއި ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް ކޮމިޝަންގެ ފަރާތުން ވަނީ ހުށައަޅާފައި" އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

"ކޮމިޝަން ފޮރ ޕްރިޒަންސް އޮޑިޓް" އިން ފާހަގަކުރި ކަންކަމުގެ ތެރޭގައި، ޖަލުތަކުގައި ތިބޭ ބިދޭސީންނާއި މެދު ތަފާތުތަކެއް ގެންގުޅުމާއި، ޖަލުތަކާއި ޕެރޯލްއާއި ކްލެމެންސީ ދެވެމުންދަނީ އިންސާފުން ނޫންކަންވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

ޖަލުތަކުގެ ހާލަތު ބަޔާންކުރާ މި ރިޕޯރޓް އެކުލަވާލުމުގައި ގުޅުންހުރި ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ޖަލުއަމުރުތަކާއި، މިނިވަން މުއައްޞަސާތަކުގެ ރިޕޯރޓްތަކާއި، ބައިނަލްއަޤްވާމީ މުއާހަދާތަކާއި، ޤަރާރުތައް ދިރާސާކުރިކަން "ކޮމިޝަން ފޮރ ޕްރިޒަންސް އޮޑިޓް" އިން ވަނީ ފާހަގަކޮށްފައެވެ.