ޚަބަރު

އައްޑޫ ސިޓީގައި ހިލޭ ހެލްމެޓު ބެހުމަށް ބާއްވާ ވޯކުޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ހިލޭ ހެލްމެޓު ބެހުމަށް އައްޑޫ ސިޓީގައި ބާއްވާ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ މިއަދު މެންދުރު 12 އިންފެށިގެން އެ އޮތޯރިޓީގެ ވެބްސައިޓު މެދުވެރިކޮށް މި ވޯކުޝޮޕުގައި ބައިވެރިވުމަށް ނަންނޯޓުކުރެވޭނެކަމަށެވެ. އައްޑޫ ސިޓީގައި ބެހުމަށް ހަމަޖެހިފައިވަނީ ބޮޑެތި މީހުންގެ 700 ހެލްމެޓާއި ކުޑަކުދިންގެ 300 ހެލްމެޓުކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ. އައްޑޫ ސިޓީގައި ހެލްމެޓު ބެހުމުގެ ވޯކްޝޮޕް އަންނަ ހަފްތާގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޙުސައިން ނަޒީރު ވިދާޅުވީ ބުދަ ބުރާސްފަތި އަދި ހުކުރު ދުވަހު ލ.ފޮނަދޫގައި ހެލްމެޓު ބެހުމުގެ ވޯކްޝޮޕް ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.

ލ އަތޮޅުގައިވެސް ބެހުމަށް ހަމަޖެހިފައިވަނީ ބޮޑެތި މީހުންގެ 700 ހެލްމެޓާއި ކުޑަކުދިންގެ 300 ހެލްމެޓުކަމަށް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ދެއަތޮޅުގައިވެސް ކުޑަކުދިންގެ ހެލްމެޓު ބެހުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކާއި ގުޅިގެންކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ހެލްމެޓް ބެހުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި މަގުތަކުގެ އަދަބުތަކާއި މަގުތަކުގައި ވެހިކަލްތައް ގެންގުޅެންޖެހޭނެ ގޮތްތަކާއި އުޅަނދު ދުއްވާނެ ގޮތްތައް ކިޔާދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިޕްރޮގްރާމް ފުރިހަމަކުރުމުން ސެޓްފިކެޓާއެކު އެމީހަކަށް ހެޔޮވަރުގެ ހެލްމެޓެއް ޓްރާންސްޕޯޓް އޮތޯރިޓީން ދޭނެއެވެ.

ރާއްޖޭގެ ރަށްރަށުގައި 30 ކިލޯމީޓަރަށްވުރެ ބާރަށް ވެހިކަލް ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކުގައި، ދުއްވާ ފަރާތްތަކުން ހެލްމެޓް އެޅުމަކީ ޓްރާންސްޕޯޓް ގަވާއިދުގެދަށުން ލާޒިމުކުރާކަމެކެވެ.

މަގުތަކުގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް ޢާއްމުން ހޭލުންތެރިކޮށް އެކަމަށް ބާރުއެޅުމަށް ސަރުކާރުން ހިލޭ 5000 ހެލްމެޓް ބަހަން ނިންމާފައިވާއިރު، މީގެތެރެއިން މާލެއަށް ބެހުމަށް ނިންމި 3000 ހެލްމެޓްގެ ތެރެއިން 2500 ހެލްމެޓް މިހާރުވަނީ ބަހާ ނިންމާފައެވެ.